ފޯޅަވެއްސަކީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބުނެވެން ނެތް ކަމަށާއި ފޯޅަވައްސާ ގުޅޭ ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، މިވަގުތު ފޯޅަވައްސަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށެވެ. އެތަން މިވަގުތު ބަލަހައްޓަނީ އިނގިރޭސިން ކަމަށާއި އެކަމަކު، އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ފޯޅަވައްސަކީ ޗާގޮސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޮސް ބަނޮސްގެ ނަމުން
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ، އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅުނު ތިއާގި ރަށެއް ކަމަށެވެ. އަދި 1500 އަހަރުތަކަށް ފަހުން ކުރަހަމުން އައި ގިނަ ރާއްޖޭގެ ޗާޓުތަކުގައި އައްޑޫގެ ދެކުނުންވާ އަތޮޅަކީ ފޯޅަވަހި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން، ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ހެކިތައް އެބަހުރި
ރައީސް މުހައްމަދު ނަޝީދު

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ. ނަމަވެސް މިހާރު ރާއްޖެއިން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދުކޮށްފައެވެ.

މި މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވަނީ ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައިވެސް ބަނޑަހަ ޖަހައިފި ކަމަށް ވިދާޅުވަމުން މުނައްވަރު ވަނީ މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށާއި ކަންކަން ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުނައްވަރު ވަނީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.

މީގެ އިތުރުން ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވުން ގުޅިފައިވަނީ އިންޑިއާއާ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ވަނީ ވިދާޅުވެފައެވެ.