ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ދަރަނީގެ މައްސަލައަށް ހައްލު ހޯއްދަވާނެ ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް، އަދި ކުރީގެ ރައީސް ޔާމީން ވިދާލުވެއްޖެއެވެ.

ޔާމިން މިހެން ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ވަފްދުން ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ކަންބޮޑުވާކަން ފާޅުކޮށް، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ހައްލުކުރައްވާނެ ގޮތް އޮޅުންފިލުވާފައި ވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި ވެރިކަމަށް ވަޑައިގެން އެކަމަށް ޙައްލު ހޯއްދަވާނެ ކަމަށެވެ.

ނަމަވެސް އެކަމުގެ ތަފްސީލު ނުދެއްވާ ވިދާޅުވީ، މިސަރުކާރުން ދަރަނި ނަގައިގެން ބޭނުން ކުރަމުން ދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ހަމައެއާއެކު ރާއްޖޭގެ ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށާއި އަދި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ، މިސަރުކާރު ވެރިކަމަށް އައިސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމާއި، ޖޭއެސްސީއަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ވެސް އެމަނިކުފާނު ފާޅުކުރެއްވި ކަމަށެވެ.

އަދި މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ޕީޕީއެމްއިން ބުނެއެވެ.