ބޭރު މަގަށް ލޮނު ލީކުވުން ހައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެ އަތޮޅާއި ވ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތައް ބެލެހެއްޓުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ރޭގެ ދަންވަރަގެ ވަގުތެއްގައި ލޮނުފެން ލީކުވުން ހައްލުކުރެއްވިފައިވާ ކަމަށާއި ވީހާވެސް އަވަހަށް މަގު ހުޅުވާނެ ކަމަށެވެ.

ލޮނު ފެން ހޮޅީގެ މަސައްކަތް ކުރަން ބޮޑުތަކުރުފާނު މަގުން ކޮނުނު ވަޅު ކޮންކްރީޓް އަޅާ މިރޭ ބައްދާލާނެ ކަމަށާއި އެ މައްސަލަ ދިމާވި ހިސާބުން ފެށިގެން ސްޓެލްކޯގެ އަމާޒަކަށް ވީ ކަރަންޓުގެ ހިދުމަތް މެދުކެނޑިޔަ ނުދީ ހައްލު ކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ލޮނު ފެން ލީކުވާން ފެށި މައްސަލާގައި ސްޓެލްކޯއާ ސިޓީ ކައުންސިލާ ދެމެދު އުފެދުނު ދެބަސްވުމަށް ރިއާޔަތްކޮށް ޝަރީފް ވިދާޅުވީ އެއްވެސް ހާލެއްގައި ސިޓީ ކައުންސިލަށް ބަދު ބަހެއް ބުނުމުގެ ބޭނުމެއް ނެތް ކަމަށާއި ބޭނުން ވަނީ ސްޓެލްކޯއިން ކުރަން ބޭނުންވާ ކަންކަން ފުރިހަމަކޮށް އެ ހިދުމަތް ދޭނެކަން ދެއްކުން ކަމަށެވެ.