ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހޯދި އާމްދަނީއަށް ބަޅާއިރު އެންމެ ބޮޑު އާމްދަނިއެއް ހޯދާފައި ވަނީ އެސްޓީއޯ އިން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓުގައި ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން އެސްއޯއީތައް ބަލަހައްޓަމުން އަންނަ ޕީސީބީގެ ރިޕޯޓުގައި ވާގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ހޯދައިފައި ވަނީ އެސްޓީއޯއިންނެވެ. ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް 4.04 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.8 ބިލިއަން ރުފިޔާގެ ކުރި އެރުމެކެވެ.
އެސްޓީއޯގެ އާމްދަނީ އިތުރުވެފައި ވަނީ ތެލުގެ އަގާއި ޑިމާންޑަށް އައި ބަދަލާއެކު ތެލުން ލިބުނު އާމްދަނީ ބޮޑުވުމުން ކަމަށާއި ނަމަވެސް، އެސްޓީއޯއަށް ސަރުކާރުން ތެލުގެ އަގު ދެމެހެއްޓުމަށް ސަބްސިޑީ ދޭ ކަމަށް ޕީސީބީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީ ހޯދި ކުންފުނިތައް:
- އެސްޓީއޯ: 4.04 ބިލިއަން ރުފިޔާ
- އެމްއޭސީއެލް: 1.6 ބިލިއަން ރުފިޔާ
- ބީއެމްއެލް: 918 މިލިއަން ރުފިޔާ
- ދިރާގު: 660 މިލިއަން ރުފިޔާ
- އެމްޓީސީސީ: 550 މިލިއަން ރުފިޔާ
- ފެނަކަ: 503 މިލިއަން ރުފިޔާ
- އައިލެންޑް އޭވިއޭޝަން ސާވިސަސް: 435 މިލިއަން ރުފިޔާ
- އެޗްޑީސީ: 417 މިލިއަން ރުފިޔާ
- އެމްޑަބްލިއުއެސްސީ: 366 މިލިއަން ރުފިޔާ
- އެމްޕީއެލް: 180 މިލިއަން ރުފިޔާ
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 31 ކުންފުންޏަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 10.27 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓާގައި ލިބިފައި ވާއިރު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު 54 ޕަސެންޓުގެ ކުރިއެރުމެކެވެ. އެންމެ ބޮޑު އާމްދަނިއެއް ހޯދި ކުންފުންޏަކަށް އެސްޓީއޯ ވެފައިވާ އިރު، ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ އެމްއޭސީއެލް އަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނިއެވެ. އެމްއޭސީއެލުން ހޯދި އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތަށް އަޅާ ބަލާއިރު 62 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޕީސީބީގެ ރިޕޯޓުގައި ވާގޮތުން، ފުރަތަމަ ކުއާޓާގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއަރާފައި ވީ ނަމަވެސް ބައެއް ކުންފުނިތަކުގެ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އޭގެތެރޭގައި، އެމްއެމްޕީއާރްސީ، އެސްޑީއެފްސީ، ޕީއެސްއެމް އަދި ވެމްކޯ ހިމެނެއެވެ.
ބައެއް ކުންފުނިތަކަށް އެއްވެސް ވަރެއްގެ އާމްދަނީ އެއް ނުލިބޭ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާއި، ފަހިދިރިއުޅުން ކޯޕަރޭޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނުގެ އިތުރުން ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން ހިމެނެއެވެ.