މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ފުލުހުން އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު އެ ކޯޓުން ބަލައިގެންފިއެވެ.

ހައިކޯޓުން އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ޕީޖީއަށް ފެންނަ ގާނޫނީ ސަބަބުތަކާއެކު އެ ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިގެން އެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުގެ ހުރަހެއް ނެތް ކަމަށް އަންގާފައިވާތީ ދައުލަތުން ސްޕްރީމްކޯޓުގައި ކުރި އިސްތިއުނާފުގެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓުކޮށްލާފައެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފައި ވީނަމަވެސް އޭނާ ލަންކާއިން މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ މިމަހު 17ގައެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެއެވެ.

ހައިކޯޓުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައިވާތީއެވެ.

ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ އަންގާފައެވެ.