ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، ރައްޔިތުންގެ ހުއްދަނެތި ދޫކޮށް ނުލެވޭނެ ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ ބިމުގެ އިތުރުން ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކުޑަ އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިމާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ ކަމަށާއި ދިވެހިރާއްޖެއާއި ޗާގޮސް ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް" ގެ އުސޫލު ކަމަށް ދެކި، ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު، އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އެއީ އިން ވަކިކުރަން ހުށަހެޅިފައި ވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑުބައެއް ކަނޑުރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅާފައިވާ) ތަނަކާ ދެމެދު އޮތް ސަރަހައްދެއް ކަމަށް ވާތީ ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ދިވެހިން އެދެނީ ދިވެހި ސަރުކާރުން، އަންނާން އޮތް ޖީލު ތަކުގެ މަސްލަހަތުގެ ހިމާޔަތުގައި، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހުލާސްތެރި ކަމާއެކު، ކުރާތަން ފެނުން ކަމަށެވެ. އަދި ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ" ގެ އެދުމަކަށް ދޫކޮށް ނުލާކަން ސާބިތުވުން އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.