އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ އަލްބަމް "މިޑްނައިޓްސް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ހުކުރު ދުވަހުގެ ރޭ ޓޭލާ މި އަލްބަމް ނެރުނު އިރު ސްޕޮޓިފައި ގައި މިވަގުތު އެންމެ ގިނަ މީހުން ޖަހަނީ މި އަލްބަމް ގެ ލަވަތަކެވެ. "މިޑްނައިޓްސް" އަލްބަމުގައި ޖުމްލަ 13 ޓްރެކް ހިމެނޭއިރު މިއީ ޓޭލާގެ ލަވަކިޔުމުގެ ކެރިއަރުގައި ނެރުނު 10 ވަނަ އަލްބަމެވެ. "ނިދި ނަގާލި 13 ރެއެއްގެ ވާހަކަ"ގައިގެ ގޮތުގައި ޓޭލާ މި އަލްބަމް ސިފަކުރާއިރު އޭނާ ބުނީ މި ލަވަތަކުގެ ލިރިކްސް އޭނާ ހެދީ ދަންވަރުގަޑީ ގައި ކަމަށާއި އެ ވަގުތުކޮޅަކީ އޭނާއަށް ވަރަށް ހާއްސަ އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

މި އަލްބަމުގައި ހިމެނޭ ބައެއް ލަވަތަކަކީ މެރޫން، ސްނޯ އޮން ދަ ބީޗް އަދި ޔޫ އާ ޔޯ އިން ކިޑް އެވެ. މި އަލްބަމު ނެރުމާއެކު ސްޕޮޓިފައި އިން ބުނީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ސްޓްރީމްކުރި ފުރަތަމަ ފަހަރަށް ސްޕޮޓިފައި ވެގެން ގޮސްފިކަމަށެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ ޓޭލާ ވަނީ 2020 ވަނަ އަހަރު ދެ އަލްބަމެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެއީ ފޯކްލޯ އާއި އެވަމޯ އެވެ. އެ ދެ އަލްބަމަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފޯކްލޯ އަލްބަމުގައި ޖުމްލަ 16 ލަަވަ ހިމެނިފައިވެއެވެ. މި އަލްބަމް ބޮޑު ހިޓަކަށްވެ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެއްވަނަ ހޯދިއިރު، މި އަލްބަމަށް ވަނީ ގްރެމީ އެވޯޑް ހަފްލާގައި އަލްބަމް އޮފް ދަ އިޔާ ލިބިފައެވެ. އެވާމޯ ގައި ހިމެނެނީ ޖުމްލަ 17 ލަވައެވެ.