ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހދ. ގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ އިރާކޮޅު އެ އަތޮޅުގެ ނެއްލައިދު އަށް ވަޑައިގަތުމުން، ހަނދާނުން ނުފިލާ ވަރުގެ "ތަފާތު" މަރުހަބާ އެއް އެ ރަށުގެ ރައްޔިތުން ކިޔައިފިއެވެ. މައުސޫމް ރަށަށް ފައިބާވަޑައިގަތުމާ އެކު، ނެއްލައިދޫގެ ރައްޔިތުން މިނިސްޓަރު ގެންދިޔައީ އެ އަތޮޅުގައި "ނެތް" ރިސޯޓަކަށެވެ.

ހދ، ގެ ރައްޔިތުންގެ ބޮޑު އެއް ޝަކުވާ އަކީ އެ އަތޮޅުގައި މާނަވީ ގޮތެއްގައި އަދި މިހާތަނަށް އެއްވެސް ރިސޯޓެއް ނެތުމެވެ. ސަރުކާރުގެ އިސްބޭފުޅުން ކޮންމެ ފަހަރަކު ހދ. ގެ ރަށަކަށް ދާއިރު، އެ އަތޮޅުގެ ރައްޔިތުން އެ ޝަކުވާ އަބަދު ވެސް ހިއްސާކުރެއެވެ. ނަމަވެސް މިފަހަރު ޝަކުވާތައް ބަންޑުންކޮށްލި ގޮތް ވަރަށް ތަފާތެވެ.

ނެއްލައިދު އަށް މިނިސްޓަރާއި، ނެއްލައިދޫ ހިމެނޭ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފައިބާވަޑައިގަތުމާ އެކު، އެންމެ ފުރަތަމަ ގެންދިޔައީ "ނާގޯށި ރިސެޕްޝަން" އަށެވެ. ހުދު ގަމީހަކާއި ފަގުޑިއެއް އަޅައިގެން ހުރި މީހެއް އެ ރިސެޕްޝަންގައި "ކުޑަ މުރައިދޫ" އާއި "ވައިކަރަ މުރައިދޫ" އިނގިރޭސިން ޖަހާފައި ހުއްޓެވެ. އެއީ ރިސޯޓު ހަދަން ސަރުކާރުން އެ އަތޮޅުން ދޫކޮށްފައިވާ ތިން ރަށުގެ ނަމެވެ.

އެ ތަނުގައި ހުރި މީހާގެ ފަހަތުގައި ހަރުކޮށްފައި ހުރި ބެނާގައި ބުނީ، "ޓޫރިޒަމް ނެތް ހދ. އަށް މަރުހަބާ" ކިޔާ ކަމަށެވެ.

ރަށުތެރެއަށް މިނިސްޓަރު ވަޑައިގެންނެވި ވަރަކަށް ދެން ވެސް ފެންނަން ހުރީ ރިސޯޓުތަކުގެ ތަންތަނެވެ. އެގޮތުން ސްޕާ އާއި، ޑައިވިން ސެންޓަރުތަކުގެ އިތުރުން، ގޮނޑުދޮށްތަކުގައި ކުޑަ ޖަހައިގެން ގުޑުގުޑާ ބޯން ތިބޭ މަންޒަރުގެ ތަމްސީލުތަކެއް ވެސް މިނިސްޓަރަށް ފެނިވަޑައިގަތެވެ. އޭގެ އިތުރުން ވެސް މަސައްކަތް ނިންމާލައި، ރަށަށް ދާން ފެރީ އަށް އަރާ މަންޒަރު ވެސް މިނިސްޓަރަށް ދައްކާލާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެގެން ދިޔައިރު، ހދ. ގައި ރިސޯޓެއް ނެތުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ހައްގު މިންވަރުތޯ ސުވާލުކޮށް، އެއީ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށް ނެއްލައިދޫގެ ރައްޔިތުން ދެކެއެވެ. މީސްމީޑިއާގައި ހިޔާލު ފާޅުކުރި ގިނަ މީހުން ބުނީ، ނެއްލައިދޫން މިނިސްޓަރުގެ ވަފުދަށް މަރުހަބާކީ ހދ. ރައްޔިތުންގެ އުދާސްތަކާ އެކުގައި ކަމަށެވެ.

ހދ. ނާގޯށީގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް، މިދިޔަ ޖޫން މަހު އެމްޓީޑީސީން ބުނެފައިވެއެވެ. ރިސޯޓެއްގެ ގޮތުގައި ނާގޯށި ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ، މީގެ 15 އަހަރު ކުރިންނެވެ. ނަމަވެސް ގަވައިދުން ކުލި ނުދެއްކުމުގެ ސަބަބުން 2016 ގައި އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފައެވެ. އެއްބަސްވުން އުވާލިއިރު، ރިސޯޓުގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިމިފައެވެ.

އެ ރަށުގެ މަސައްކަތްކުރަން ބަޔަކު ހޯދަން އެތައް ފަހަރަކު ކުރި މަސައްކަތް ކާމިޔާބުވީ މިދިޔަ މާޗުގައެވެ. އެމްޓީޑީސީން އޭރު ބުނި ގޮތުގައި ނާގޯށި ތިން އަހަރުން ތަރައްގީކޮށް ނިމޭނެއެވެ.

ކުޑަ މުރައިދޫ ތަރައްގީކުރުމަށްޓަކައި މީގެ ފަސް އަހަރު ކުރިން ދޫކޮށްފައި އޮތް ނަމަވެސް، އެ ރަށުގައި އެއްވެސް މަސައްކަތެއް އަދިވެސް ނުފަށައެވެ.