ހދ. ނެއްލައިދޫގެ ރައްޔިތުންނަށް އިގުތިސާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނެއްލައިދޫގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އެކިކަހަލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އެމީހުން އެކުރާ މަސައްކަތަކުން އާމްދަނީ ހޯދޭނެ ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި ރައީސް ވަނީ އިގްތިސާދީ ނަފާ ހޯދުމަށް ހިރިނައިދޫ ހަމަޖައްސަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއާއި އެހެންވެސް ފަންނުވެރި ދާއިރާތަކުގެ އުފެއްދުންތައް ވިއްކާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ހއ. އަދި ހދ. އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށްވެސް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުންކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވެގެން އަންނައިރު، ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތަކުގެ ޒަރީއާއިން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިން މަޝްރޫ ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އަދި ބިނާރުގެ ތަރައްގީއަށް ހުރި ކަންކަންވެސް ފުރިހަމަ ކޮށްދެއްވާނެކަމަށެވެ.

ރައީސް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ރައީސް އާއިއެކު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.