ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވެއްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
މިއަހަރު ހޮވާފައިވާ އެންމެ މޮޅު 10 ޕްރޮޖެކްޓްގެ ތެރޭގައި ތައުލީމާ ކުޑަކުދިންނާ ގުޅުން ހުރި ޕްރޮޖެކްޓްތަކާއި ޕާކްތަކާއި ހިތްފަސޭހަ މާހައުލުތައް ބިނާ ކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެ ގޮތުން ހޮވި 10 ޕްރޮޖެކްޓް ތަކުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުން ހުށަހަޅާފައިވާ ޕްރިޖެކްޓްތައް ހިމެނޭ އިރު، އައްޑޫ އަތޮޅުން ހުށަހެޅި 2 ޕްރޮޖެކްޓް މި ފަންޑުން އެހީ ދިނުމަށް ވަނީ ހޮވާފައެވެ. އެއީ ސ. ހިތަދޫ އަދި ފޭދޫގައި ހިންގަން ހުށަހަޅާފައިވާ ޕްރޮޖެކްޓެކެވެ.
- ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން - ރ.ދުވާފަރު، ޕްރޮޖެކްޓް ހުށަހެޅީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާ
- ބެލިނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން- ޏ. ފުވައްމުލައް، ޕްރޮޖެކްޓް ހުށަހެޅީ ދަޑިމަގު ޒުވާނުންގެ ޖަމިއްޔާ
- އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން - ގދ. ހޯޑެއްދޫ، ޕްރޮޖެކްޓް ހުށަހެޅީ ހޯޑެއްދޫ ސްޕޯޓްސް
- ދޯދި ޕިކްނިކް އަދި ކޭމްޕިންގ ސަރަހައްދު ގާއިމްކުރުން - ބ. ދަރަވަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ދަރަވަންދޫ އެކުވެރި ޒުވާނުން
- ތިނަދޫ ކުޅި ތަރައްގީކުރުން - ގދ. ތިނަދޫ، ޕްރޮޖެކްޓް ހުށަހެޅީ ހުވަދޫ ސްއިމިންގ ކްލަބް
- މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ގާއިމްކުރުން - މ. މުލަކު، ޕްރޮޖެކްޓް ހުށަހެޅީ ކޮމިއުނިޓީ އެންޕަވަރމަންޓް ލިންކޭޖް (ސެލް)
- ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން - ލ. ކުނަހަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)
- ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން - ހދ. ނެއްލައިދޫ، ޕްރޮޖެކްޓް ހުށަހެޅީ ފަޓޯ ސްޕޯޓްސް އެކަޑަމީ
- އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން - ސ. ހިތަދޫ، ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް
- ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން- ސ. ފޭދޫ، ޕްރޮޖެކްޓް ހުށަހެޅީ އައްޑޫ އިކޯ ކްލަބް
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މުޖުތަމައަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.