ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި މޮރިޝަސް އާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމާފައިވާ ކަމަށް ރާއްޖޭން ހާމަކޮށްފިއެވެ.
މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އުފެދުނު އެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މޮރިޝަސް އާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒު ކުރަން މީގެ ކުރިން ރާއްޖެއަކުން ވޯޓެއް ނުދެއެވެ. އެ މައްސަލައިގައި ރާއްޖޭން މިހާތަނަށް ވޯޓު ދީފައި ވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޓްރައިބިއުނަލްގައި އޮތް އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ރާއްޖޭގެ ނިންމުން ބަދަލުކޮށް، މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ހާމަކުރައްވާފައެވެ. ރިފްއަތު ވިދާޅުވީ، ރާއްޖޭން އެގޮތަށް ނިންމިކަން ހާމަކޮށް މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ސިޓީފުޅެއް ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭގެ ނިންމުމަށް މޮރިޝަސް އިން މަރުހަބާ ކިޔާފައިވާ ކަމަށާއި، ރާއްޖޭން އުންމީދު ކުރަނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ހުށަހެޅި ހުށަހެޅުމާއި މޮރިޝަސް އިން ހުށަހެޅި އިއުތިރާޒު އަނބުރާ ގެންދިއުން ކަމަށް، ރިފްއަތު ވިދާޅުވިއެވެ.
މީގެ ކުރިން އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ރާއްޖޭން ބުނި ނަމަވެސް، ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބެލޭނެ ކަމަށް ފަހުން ނިންމާފައެވެ.
ޗާގޯސް އަކީ އައްޑޫ ސިޓީ އާއި ދުރު ނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖޭން ވަނީ 2010 ގައި އދ. އަށް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދ. އަށް ފޮނުވުމާ ގުޅިގެން މޮރިޝަސް އިން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާކަން އަންގާފައެވެ.
އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ.