އިޓލީވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަން ކަނާއަތުފިޔައިގެ ގޯގިއާ މެލޯނީ ކާމިޔާބު ކުރައްވައި ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީގެ ބޮޑުވަޒީރަކަށް އަންހެން ބޭފުޅަކު އިންތިހާބުވި މި ވަގުތުގައި މެލޯނީ ވިދާޅުވީ، ރަޝިއާ ޔޫކްރައިން މައްސަލައިގައި ހުޅަނގުން ގެންގުޅޭ ސިޔާސަތަށް އޭނާ ތާއީދުވެސް އޮންނާނެ ކަމަށާއި، މިވަގުތުގެ އަމާޒަކީ، އިޓްލީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުން ކަމަށެވެ.

މެލޯނީގެ ސަރުކާރަކީ ކޯލިޝަން ސަރުކާރަަކަށް ވާއިރު، އެ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓުނަރުންގެ ތެރެއިން ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީ، ޕުޓިންއަށް ތާއީދު ކުރައްވާ ދެއްކެވި ވާހަކައެއް ލީކްވެފައި ވާ އިރު މެލޯނީގެ ސިޔާސަތާ ބެހޭ ގޮތުން ސުވާލު އުފައްދައެވެ. ނަމަވެސް އޭނާ މިއަދުވެސް ޔަގީންކަން ދެއްވީ، ރަޝިއާ އާ މެދު ހުޅަނގުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނުގެންނާނެކަމަށެވެ.

އިޓަލީގައި ބޮޑުވަޒީރަކު އައްޔަން ކުރަނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބޭ ނިސްބަތެއްގެ މައްޗަށެވެ. އެގޮތުން، ކަނާއަތުފިޔައިގެ ޕާޓީތަކަށް ލިބިފައިވާ 237 ގޮނޑީގެ ތެރެއިން، މެލޯނީ ނިސްބަތްވާ ބްރަދާސް އޮފް އިޓަލީއަށް 114 ގޮނޑި ވަނީ ލިބިފައެވެ. ދެން އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ވާއަތުފިޔައިގެ ޕާޓީތަކަށެވެ. އެ ޕާޓީތަކަށް 84 ގޮނޑި ލިބިފައި ވީ ނަމަވެސް، ބާކީ ތިބި ފައިވް ސްޓާ މޫވްމަންޓަށް ލިބުނު 52 ގޮނޑިއާއި ތާޑް ޕޯލް ގެ 21 ގޮނޑި އެއްކުރިޔަސް، ކަނާއަތުފިޔައިގެ ގޮނޑިއާ އެއްވަރެއް ނުވެއެވެ.

ހަބަރުތައް ބުނާ ގޮތުން، މެލޯނީގެ އާ ސަރުކާރު އަންނަ ހުކުރު ދުވަހު ހުވާ ކުރާނެއެވެ.

އުމުރުން 45 އަހަަރުގެ މެލޯނީއަކީ، ބަރްލަސްކޯނީގެ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވައި މިހާރު ބްރޮދާސް އޮފް އިޓަލީ ޕާޓީގެ ރައީސްއެވެ.