އިންޑިއާގައި ޓީޗަރުންގެ ވަޒީފާގައި އުޅުނު ދެމަފިރިން ދެ ދަރިންނާއެކު ކެނަޑާ ބޯޑަރުގައި ބޯ ފިނީގައި މަރާލީ، އިންޑއާއިން އެމެރިކާއަށް ވަގަށް ވަދެ ކުށުގެ އެތައް ރެކޯޑެއް އޮތް އިންޑިއާ މީހެއް ކަމަށް ބަލައި ކެނެޑާ ފުލުހުން ތަހުގީގު ފަށައިފިއެވެ.

ރަނގަޅު ދިރިއުޅުމެއް ލިބޭތޯ އިންޑީއާގެ ގުޖުރާތު ދޫކޮށް ޖަގްދީޝްގެ ދެމަފިރިންނާއި ދެކުދިން ދިޔައީ ކެނެޑާ ބޯޑަރު ހުރަސް ކޮށް އެމެރިކާއަށް ވަންނާށެވެ.

ކެނެޑާ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން، އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މީހަކީ، އެމެރިކާއަށް ވަގަށް ވަދެ، މީގެ ކުރިން ބޭންކް ފެޅުމާއި ވައްކަމާއި، އިންސާނީ ވަގުފާރީގެ ރެކޯޑް އޮންނަ ޕަޓޭލް ނަމަކަށޤ ކިޔާ ގްޖުރާތަށް ނިސްބަތްވާ މީހެކެވެ.

އޭނާ، މީގެ ކުރިންވެސް ކެނެޑާ ބޯޑަރުން ވަގަށް އެމެރިކާ ތެރެއަށް މީހުން ވައްދާފައި އެބަހުރި ކަމަށާއި، އެއިން ކޮންމެ މީހަކަށް ބޮލަކަށް 11500 އެމެރިކާ ޑޮލަރު އޭނާ އަތުލާކަމަށްވެސް ބުނެއެވެ. އަދި އޭނާ އެމީހުން ވައްދާ ޓެކްސީގައި ވޮޝިންޓަންގެ ސިއާޓަން ސަރަހައްދަށް ގެންގޮސް ބޯހިޔާވަހިކަން ހަމަޖައްސައިދޭކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، ޖަގްދީސް 39އ އާއި އަންހެނުން ވައިޝާލީ 37އ އާއި އަންހެން ދަރިފުޅު ވިހާންގީ 11އ އާއި ފިރިހެން ދަރިފުޅު ދަރްމިކް 3އ މަރުވެފައި އިއްވާ ފެނުނީ، މައިނަސް 30 ޑިގްރީއަށް ވުރެ ދަށް ބޯ ފިނީގެ ތެރެއިންނެވެ.

އެއިރު އެމީހުން ތިބީ އެމެރިކާއާއި ކެނެޑާ ގުޅޭ ބްރިޓިޝް ކޮލަމްބިއާ ބޯޑަރުގެ ކެނެޑާ ފަޅީގެ މަނިތޮބާ ސަރަހައްދުގައެވެ.

ޖަގްދީސްގެ އާއިލާގެ މެންބަރުންގެ ހަށިގަނޑު ކެނެޑާގައި އަންދާލުމަށް (ހިންދޫން ޖަނާޒާ ބާއްވާ ގޮތް) ހަމަޖެހިފައިވާ އިރު ތުހުމަތު ކުރެވޭ ޕަޓޭލް ވަނީ ފިލާފައެވެ.