ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް އިމާދު ސޯލިހު އައްޔަން ކޮށްފިއެވެ.
އެ އެޖެންސީއިން ބުނީ މިފަހަރު ސީއީއޯއެއް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ 18 ގައި އައްޔަން ކުރި ސީއީއޯ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށް ފަހު ކަމަށެވެ.
އާ ސީއީއޯއަކު ހޯދުމަށް އެ އޭޖެންސީއިން ކުރި އިއުލާނަށް އެކަށީގެންދާ ތަރުހީބެއް ނުލިބި ގިނަ ދުވަސްތަކެއް ވި ކަމަށާއި އެ މަގާމަށް އެންމެ ފަހުން އިއުލާން ކުރީ ޓީއޯއާރު އިސްލާހު ކުރުމަށް ފަހު މުސާރައާއި އިނާޔަތްތަކަށް ޕޭކޮމިޝަން މެދުވެރިކޮށް ބަދަލުތަކެއް ގެނެސްފައި ކަމަށް އެންޑީއޭ އިން ބުނެފައި ވެއެވެ. އަދި އެ އިއުލާނަށް 12 ފަރާތަކުން ކުރިމަތިލިއިރު އެ މަގާމަށް އިމާދު އައްޔަންކުރަން އެންޑީއޭގެ ބޯޑުން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ކަމަށް ވެސް ވަނީ ބުނެފައެވެ.
އެންޑީއޭއިން ބުނީ އިމާދު އެ މަގާމާ ހަވާލުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
އިމާދު ސޯލިހަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯއާއި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންގަމް އިން މާސްޓާޒް އިން އެޑިޔުކޭޝަނަލް މެނޭޖުމަންޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިމާދަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ވަޒީފާ އިން މަސައްކަތް ފައްޓަވައިގެން އެ ދާއިރާގެ ހިންގުމުގެ މަތީ މަގާމުތައް ވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވެވިއެވެ. އިމާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
އެންޑީއޭއިން ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ މަގްސަދުތައް ހާސިލުކޮށް ހަރުދަނާކޮށް ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯއްދައިދެއްވުމުގައި އެންޑީއޭގެ ސީއީއޯގެ ގޮތުގައި އިމާދު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް އެދޭ ކަމަށެވެ