ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަންނަވަން ދެން ނުޖެހޭނެ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޔާމީން ވަނީ ހއ. އިހަވަންދޫ ހިމެނޭހެން އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ އާންމުންނާ ބައްދަލުކުރައްވައިފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ޕީޕީއެމުން އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވަނީ އިހަވަންދޫގެ އައިސް ޕްލާންޓާއި ބަނދަރުގެ މަސައްކަތްތައް އެމަނިކުފާނުގެ ދައުރެއްގައި ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ދެވަނަ ދައުރެއްގައި އިހަވަންދޫގެ އައިސް ޕްލާންޓާއި ބަނދަރުގެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ޔާމީން ވައުދުވެވަޑައިގެންފައިވާއިރު، އެ ތަންތަނުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ހަމަ އެއާއެކު، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އޭރު ފޯރުކޮށްނުދެއްވައި، މާލެ އަށް ކޮށްދިން ކަންކަމުގެ ފޮޓޯތަކެއް ޖެހި މަންޒަރެއް ކުރިމަތީގައި ހުންނަވައި ޔާމީން ރަށްރަށަށް ވަޑައިގެންފި ކަމުގައިވާ ނަމަ، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެ، މިއުވާން ޔާމީނަށް ފާޑުވިދާޅުވިއެވެ.
މިއުވާން ވިދާޅުވި ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ހަމަވާއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް ނިމޭނެއެވެ.
މި ސަރުކާރުން ދަނީ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެމުން ކަމަށާއި، ރައްޔިތުން އެ ކަންކަން ބަލައިގެންފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.