އޯޓިސްޓިކް އަންހެން ކުއްޖަކު ރޭޕް ކުރި އެކުއްޖާގެ ޅިޔަނަށް ކުށް ސާބިތު އޭނާ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެ މީހާ ވަނީ އަންހެން ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގި ހުރެ 2020 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އެ ކުއްޖާ ރޭޕް ކޮށްފައެވެ.

މި މައްސަލާގައި އުމުރުން 37 އަހަރުގެ އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނީ، ދައުލަތުން ހުށަހެޅި ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ.

ދައުލަތުން ކޯޓުގައި ވަނީ ދައުވާ ލިބުނު މީހާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ. އެއީ 18 އަހަރަށް ޖަލަށް ލުމަށެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގުގައި އޭނާ 2 އަހަރާއި 3 މަހާއި 19 ދުވަސް ހޭދަކޮށްފައި ވާތީ ޖަލު ހުކުމުގެ ގޮތުގައި އޭނާ ތަންފީޒު ކުރަނީ 15 އަހަރާއި 8 މަހާއި 11 ދުވަހެވެ.

މި މައްސަލާގައި އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުތަކުންނެވެ. ޓެސްޓް ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ވަނީ ތިން މަސް ވެފައެވެ. މި މައްސަލާގައި ހިމެނޭ މީހާ ހައްޔަރު ކުރީ އެ ކުއްޖާ ބަނޑުބޮޑުކަން އެނގިގެން ކުރެވުނު ތުހުމަތުގައި 2 އަހަރު ކުރިންނެވެ.