ބޭރު މަގަށް ލޮނު ލީކުވުން ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ލިބުމާއެކު އައުޓްފޯލް ހޮޅި މަރާމާތުކޮށް މަގަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންކަމާއި ފޯރުކޮށްދޭ ހިދުމަތްތަކަށް ކުޑަ ހިނދުކޮޅަކަށްވެސް ބުރޫ ނާރާނެ ފަދަ ގޮތަކަށް ހުރިހާ މުއައްސަސާތަކަކުންވެސް މަސައްކަތް ކޮށްދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ މިފަދަ ކަންކަމުގައި މުއައްސަސާތަކުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު އެ ކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން ފާހަގަކުރެވި ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދާ ބެލިއިރު އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ފެންނާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި އެކަމުގެ ހުއްދައަކަށް ސިޓީ ކައުންސިލުގައި އެދުމުން ރަސްމީ ސިފައެއްގައި ހުއްދަދީފައިނުވާ ކަމަށް ވެސް ސްޓެލްކޯއިން އޭރު ބުންޏެވެ.
އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި ދާނެ ކަމަށާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސިޓީ ކައުންސިލުން ލިބެން ޖެހޭ ހުއްދަ ނުލިބޭ ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނު ފެން ލީކުވަމުންދާތީ އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން ހައްލުކޮށްދިނުމަށް ދެ ފަހަރެއް މަތިން ސްޓެލްކޯއަށް އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި ކައުންސިލުން ދަނީ އެކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.