އއ. އުކުޅަސް މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާޒަމް އާދިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އެ މަޝްރޫއުގެ ދަށުން 2,678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި އެ މަގުތަކުގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި ސެޓެލްމަންޓް ޓޭންކެއް ބެހެއްޓުމާއި ކޭބަލް ޖަންކްޝަން ބޮކްސްއެއް ވަޅުލުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި 4,193 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 14,452 އަކަ މީޓަރުގެ ކެރިއެޖްވޭ ސަރަޙައްދެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމާއި ކަފިހި ހުރަސް ފާހަގަކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ސަލާމަތީ ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއުއަކީ 59.48 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.