ބޭރު މަގަށް ލޮނު ލީކުވުން ހައްލުނުވެ އޮތީ ސިޓީ ކައުންސިލްގެ ހުއްދަ ނުލިބިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ބޮޑުތަކުރުފާނުމަގު އެ ކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދާ ބެލިއިރު އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ފެންނާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަމުގެ ހުއްދައަކަށް ސިޓީކަ އުންސިލުގައި އެދިފައިވާ ކަމަށާއި މިއަދާ ހަމައަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ކައުންސިލުން އެކަން އަންގާފައިނުވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ ހުއްދަތައް އަވަސް ކުރުމަށް ސިޓީކައުންސިލްގެ ކަމާ ގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ފަރާތްތަކުން ފޯނު ނުނަގާތީ އެ ހުއްދަތައް ލިބޭގޮތް ނުވާ ކަމަށާއި އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެނަމަ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި ދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު އެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރުމަށް ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ކަމަށާއި އެ ހުއްދަތައް ލިބުމާއެކު އެ މަސައްކަތް ވަގުތުން ފަށާ އެކަން ހައްލު ކުރެވިގެންދާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ލިބެން ޖެހޭ ހުއްދަ ނުލިބޭ ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނު ފެން ލީކުވަމުންދާތީ އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން ހައްލުކޮށްދިނުމަށް ދެ ފަހަރެއް މަތިން ސްޓެލްކޯއަށް އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި ކައުންސިލުން ދަނީ އެކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.