ގަލޮޅު ދަނޑު އަލުން ހެދުމަށްޓަކައި އެތަން ތަޅާލާނީ ހުޅުމާލެ ދުވާ ޓްރެކްގައި ފުޓްބޯޅަ ކުޅެވޭނެ ގޮތަށް ހެދުމަށް ފަހުގައި ކަމަށާއި، އަންނަ އަހަރު ކުރީކޮޅު ނުވަތަ ފަހުކޮޅު އާ ދަނޑުގެ މަސައްކަތް ފެށޭނެ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްކަރީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ގަލޮޅު ދަނޑު ތަޅާލައި، އެ ތަނުގައި އާ ދަނޑު ހެދުމުގެ މަސައްކަތް ފެށުމުގެ ފަހުގެ މަރުހަލާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދުވާ ޓްރެކްގައި ފުޓްބޯޅަ މެޗުތަކާއި ފަރިތަކުރުންތައް ބޭއްވޭ ގޮތަށް ހެދުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ގަލޮޅު ދަނޑު ތަޅާލާނެއެވެ. އަަދި އެ ތަނުގައި އަލަށް ހަދާ ދަނޑަކީ ރަނގަޅު ފެންވަރަކަށް ހަދާ ދަނޑެއް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ފުރަތަމަ ކަމަކަށް އޮތީ ހުޅުމާލޭގަ މި އޮތް ޓްރެކް ދަނޑުގަ ކުޅެވޭނެ ގޮތަށް ސެޓަޕް ހެދުން. އެކަން ކޮށް ނިންމާފަ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ގަލޮޅު ދަނޑު ތަޅާލާނީ، އެއާއެކީގަ އެ ދަނޑު ވަރަށް ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގަ ތަރައްގީކުރެވިގެން ދާނެ."
އަހްމަދު މަހްލޫފް | ޔޫތު މިނިސްޓަރު

މިދިޔަ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދިޔަ ދުވަސްވަރު ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކޮށްފައިވާނީ އިންޖިނޭރުންގެ ލަފާގެ މަތިން، ބައިވަރު މަސައްކަތް ކޮށްގެން ކަމަށާއި، ގިނަ ސިޑިބަރިތައް ހަދާފައި ހުރީ އުވަ އާއި އަކިރި ބޭނުންކޮށްގެން ކަމަށް ވުމުން ކޮންމެ ގޮތެއް ވިޔަސް ސިޑިބަރި ތަޅާލަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ ވީހާވެސް އަވަހަށް އެ މަސައްކަތް ކުރެވޭނެ،" މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، އާ ދަނޑުގެ މަސައްކަތްތައް ފަށާނެ ސީދާ ތާރީހެއް ނުދެއްވައެވެ.

އެކަމަކު އެ މަޝްރޫއުގެ އިތުރުން، އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ގައުމީ ބާސްކެޓްބޯޅަ އެރީނާ އާއި، ވޮލީބޯޅަ ސެންޓަރާއި، ޓޭބަލް ޓެނިސް ސެންޓަރުގެ އިތުރުން، އައްޑޫ ހިތަދު އާއި، ގދ. ތިނަދު އާއި، ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގެ ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތްތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން މިދާ ސްޕީޑަށް ބަލަންޏާ މި އަހަރު ފަހުކޮޅު ނޫނިއްޔާ އަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް." މަހްލޫފް ވިދާޅުވިއެވެ

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ބަޖެޓްކުރެވިގެން އަޅާ އާ ދަނޑުގެ މަޝްރޫއު މަހްލޫފް އިއުލާން ކުރައްވައި ޓްވީޓް ކުރައްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 5 ގައެވެ. އެ ޓްވީޓާއެކު އާ ދަނޑުގެ ކުރެހުންތައްވެސް ވަނީ ދައްކާލައިފައެވެ

ބެލެވޭ ގޮތުގައި އާ ދަނޑުގައި 10،000 އާއި 12،000 މީހުންގެ ޖާގައެއް އޮންނާނެއެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ވަނީ 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައެވެ. އެ އެހީގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް 45 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.