މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރަމުން އައި ކުޑަގިރި އަންނަ މަހު ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުޑަގިރީގައި ގާއިމުކުރާ ހިދުމަތްތަކާއި ފެސިލިޓީތަކުގެ 95 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ޕިކްނިކް އައިލެންޑް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކަމަށާއި ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ މަހު، ރަށް އާއްމުންނަށް ދަތުރު ދިއުމަށް ހުޅުވާލުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

މާލެއާ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. ސަރުކާރުން ފުރަތަމަ ނިންމާފައިވަނީ މިއަހަރުގެ ޖުލައި 26 އާ ދިމާކޮށް އެ ރަށް ރަސްމީކޮށް ހުޅުވުމަށެވެ.

ނަމަވެސް، ކުޑަގިރީގައި އަދިވެސް ބައެއް މަސައްކަތްތައް ކުރަން ހުރުމުގެ ސަބަބުން އެ ރަށް ހުޅުވުން މުއްދަތެއް ނެތް ގޮތަށް އޭރު ވަނީ ފަސްކޮށްފައެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 41.4 މިލިއަން ރުފިޔާ އަށް، 150 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މާލޭގެ އާންމުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދެކެވެ.