ރަށްރަށުގައި ފުޓްބޯޅައިގެ ދަނޑުތަކާއި ވަސީލަތްތައް ގާއިމްކޮށް، މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ފަސް ހަ އަހަރުގެ ތެރޭ ފެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެކަމަށް އިސްކަން ދީގެން ސަރުކާރުން ފުޓްބޯޅަ ދަނޑުތައް ގާއިމްކުރަމުން ދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމްޑީޕީން މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު ވެސް ރަށްރަށުގައި ފުޓްބޯޅަ ކުޅުން އޮތީ ނިމުމަކަށް އައިސްފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި ފެންނަނީ ރަށްރަށުގައި ފުޓްސަލްގެ ފޯރި ގަދަވެފައިވާ މަންޒަރެވެ. އެހެންކަމުން ބޭނުމަކީ އެ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް ގާއިމްކޮށް، އަލުން އޮތް ފުޓްބޯޅަ ފޯރި އަލުން ދިރުވައި، ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލްވުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އެހެންވީމަ އެ ތަނުގަ އެ ދަނޑުތައް ގާއިމްކޮށްގެން އެ ރަށްރަށުގަ އަލުން މި ކުޅުން ފެށިގެން ގޮސް ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުން އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑު އުންމީދު ކުރަނީ މިހާރު މި ގާއިމްކުރެވޭ ވަސީލަތްތަކުގެ ނަތީޖާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން ފެނިގެން ދާނެ ކަމަށް."
އަހްމަދު މަހްލޫފް | ޔޫތު މިނިސްޓަރު

މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި، ރަށްރަށުގައި ގާއިމްކުރެވިގެންދާ ވަސީލަތްތަކުގެ ސަބަބުން ރަނގަޅު ކުޅުންތެރިން އުފެދިގެން ދާނެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލާ ހިއްސާކުރައްވާފައިވާނެ ކަމަށާއި، ސަރުކާރުން ފުޓްބޯޅަ އަށް އިންވެސްޓުކުރާ އިރު، މުބާރާތްތަކަށް ޓީމްތައް ރަނގަޅަށް ތައްޔާރުވެގެން ދެވޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުން މުހިންމު ކަމެއް ކަން ފާހަގަކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސާކް ސަރަހައްދުގެ ގައުމުތަށް ކަމަށްވާ ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް ފަދަ ގައުމުތަކުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އިންވެސްޓުކުރަމުންދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އެ ގައުމުތަކާ އެއް ހަމައަކަށް ގެންނަން ބޭނުންވާ ނަމަ، ކުރަން ޖެހޭ މަސައްކަތްތައް ބައިވަރު ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ހަގީގަތަކީ މިއަދު އަޅުގަނޑުމެންގެ ސަރަހައްދުގަ އޮތް އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް ކަހަލަ ގައުމުތަކުގަ އެތައް މިލިއަން މީހުނެއް ވެސް އެބަތިބި. އެ މީހުން އެތައް މިލިއަން ރުފިޔާ ވެސް އެބަ އިންވެސްޓުކުރޭ ފުޓްބޯޅަ އަށް މިހާރު. އޭގެ ނަތީޖާ ހަގީގަތުގަ އަޅުގަނޑުމެންނަށް ވަރަށް ބާރަށް އެބަ ފެނޭ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ކުރިއަށް އޮތް ތަނުގަ މި ސަރަހައްދުގަ މި ގައުމުތަކާ އެކު އަޅުގަނޑުމެން ފައިތިލަ އެއް ހަމައަކަށް ގެންނަން ބޭނުން ކަމުގައިވާ ނަމަ، އަލުގަނޑުމެންނަށް އެކަން އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ،"
އަހްމަދު މަހްލޫފް | ޔޫތު މިނިސްޓަރު

ނަމަވެސް މިއަދު ކުރާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރުތަކުން ފެންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ފުޓުބޯޅައިން އަދި އެހެން ކުޅިވަރުތަކުން ވެސް ފެނިގެންދާނެ ކަމަށް." މަހްލޫފް ވިދާޅުވިއެވެ.