ދިވެހިންނަކީ އެހީތެރިވުމުގައި އަބަދުވެސް ނަމޫނާ ދައްކާ ބައެކެވެ. ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އިރު، އެކި ގޮތްގޮތުން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ކެމްޕެއިންތަކުގައި ދިވެހިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެގޮތުން ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އޯގަނައިޒޭޝަންގެ (އައިއޭސީ) ފަރާތުން އެމަޖެންސީ އެހީގެ ގޮތުގައި ބަހާ 'ހޮޓް މީލް ޕެކް' ފޯރުކޮށް ދިނުމަށް ވެސް އެތައް ބަޔަކު އަންނަނީ އެހީތެރިވަމުންނެވެ.

އައިއޭސީން ބުނީ، މި ވަގުތު ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ނުހަނު ބޮޑަށް އެހީތެރިކަމަށް ވަނީ ބޭނުންވެފައި ކަމަށެވެ. މިވަގުތު އެންމެ ޒަރޫރީ އެއްޗަކަށް ވެފައި ވަނީ ކާބޯތަކެތި ކަމަށާއި ކާބޯތަކެތީގެ ގޮތުގައި އޭއައިސީން ބަހަމުންދާ ހޮޓް މީލް ޕެކެއްގެ އަގަކީ އެންމެ 35 ރުފިޔާ ކަމަށެވެ.

އޭއައިސީން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަސް ބަހާ 'ހޮޓް މީލް ޕެކް' ތައްޔާޜު ކުރަނީ
"އަޅުގަނޑުމެންނަށް އެހީތެރި ވެވޭނެ މިންވަރަކުން މިކަމުގައި ބައިވެރިވެ، ދެރަވެ މާޔޫސްވެފައިވާ މޫނުތަކަށް ހިނިތުންވުން ގެނެސްދެމާ ހިނގާ."
އޭއައިސީ

ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އައިއޭސީން 'ފްލަޑް ރިލީފް ފަންޑެއް' ހިންގަން ފަށަފައިވާ އިރު، މީގެ ކުރިން ހޮޓްމީލް ޕެކްއެއްގެ އަގު އާންމުކޮށް އުޅެނީ 70 ރުފިޔާ އަށެވެ. ނަމަވެސް ޕާކިސްތާނުގައި މިހާތަނަށް 1.5 މިލިއަން މީހުން ހާލުގައި ޖެހިފައިވާތީ، އޭގެ އަގު ވަނީ 35 ރުފިޔާއަށް ކުޑަ ކޮށްފައެވެ. ޕާކިސްތާނުގައި ދެރަވެ މާޔޫސްވެފައިވާ މޫނުތަކަށް ހިނިތުންވުމެއް ގެނެސްދިނުމަށް 'ފްލަޑް ރިލީފް ފަންޑް' އަށް އެހީތެރިވެވޭނެ މިންވަރަކުން މި ކަމުގައި ދިވެހިން ބައިވެރި ވެ ދިނުމަށް އޭއައިސީން ބުނެއެވެ.

"މިހާލަތާއި ގުޅިގެން ހޮޓްމީލް ޕެކެއްގެ އަގުވެސް މިވަނީ 35 ރުފިޔާ ކަމުގައި ހަމަޖައްސާފަ. އަދި 100 ޕެކަށްވުރެ ގިނަނަމަ ބޭނުންފުޅުވާ ގޮތަކަށް ލޭބަލް ކޮށްދެވޭނެ.އާއިލާ އެއްވެލައިގެން ނުވަތަ އޮފީސް ކުދިން ވެގެން މުސްލިމް އަޚުންނަށް ވެލަން ރަނގަޅު އެހީއެެއް.ފެން ބޮޑުވެ ހާލުގަ ޖެހިފަވާ މީހުންގެ އަދަދު ވަނީ 33 މިލިއަނަށް ވުރެ މަތީގައި"
އޭއައިސީ

ހޮޓްމީލަށް އެހީވެދޭ ފަރާތްތަކުން ފައިސާ ފޮނުވާ އިރު ރިމާކްސްގައި ބަހަން ބޭނުންވާ އަދަދު ޖެހުމަށާއި އަދި ސްލިޕް 9122121 ނަންބަރަށް ވައިބާ ކުރުމަށް އޭއައިސީން ބުނެއެވެ. ސްލިޕް ވައިބާ ނުކުރާ ނަމަ ހޮޓްމީލްގެ ގޮތުގަ ނޯޓްކުރެވިގެން ނުދާނެ ކަމަށް އެފަރާތުން ބުނެއެވެ. ދިވެހިން ދޭ ފައިސާގެ އެހީން، ކާބޯތަކެތީގެ އިތުރުން، ހާލުގައި ޖެހިފައިވާ މީހުން ބޭނުން ވެއްޖެ ނަމަ، އިތުރު އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އައިއޭސީން ބުނެއެވެ.

  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • އެކައުންޓް ނަމްބަރު: 7770000062741

ޕާކިސްތާނަށް ކުރި ދިގުލީ ވިއްސާރަައިގައި ބޮޑުވި ފެންގަނޑު ހިންދާލަން 6 މަސް ވަރު ނަގާނެ ކަމަށް އޮފިޝަލުން ލަފާ ކޮށްފައި ވާއިރު އެތައް ހާސް ގެއަކާއި ރެލްވޭ ތަކާއި ބްރިގްތަކާއި މަގުތަކާއި އެއްގަމު އުނދަދު ފަހަރުގެ އިތުރުން ނައަމްސޫއްޕާއި ދަނޑުބިންތައް ވެސް ވަނީ ހަލާކުވެ ސުންނާފަތި ވެފައެވެ. ޕާކިސްތާނަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަން ފަހަނައަޅާ ގޮސްފައި ވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 1500 އަށް ވުރެ މައްޗަށް އަރާފައެވެ.

މި ކާރިސާއިން ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން 5.5 މިލިއަން މީހުންނަށް މިހާރު ރައްކާތެރި ބޯފެން ނުލިބެއެވެ. ޔުނިސެފުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެއް މިލިއަން ލީޓަރުގެ ސާފު ފެން ފޯރުކޮށްދިން ނަމަވެސް ގިނަ އާއިލާތަކަކަށް ބަލިޖެހިފައިވާ ފެން ބުއިން ނޫން ގޮތެއް ނެތެވެ. ކޮލެރާ، ޑައިރިއާ، ޑެންގީ އަދި މެލޭރިއާ ފަދަ ފެނުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކުގެ ސަބަބުން މިހާރު ވެސް އެ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ އިރު، އޭގެ ސަބަބުން މިހާރުވެސް ވަރަށް ބޮޑަށް ހަށިގަނޑަށް ނުރައްކާވާ މިންވަރު އިތުރުވެގެން ދެއެވެ.

https://www.facebook.com/IACMaldives/videos/1871280216553927/

ޕާކިސްތާނުގައި މިހާރުވެސް ކުޑަކުދިންނަށް ނިއުޓްރިޝަންގެ ނުރައްކާ ބޮޑުވެ، ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގިނަ ސަރަހައްދުތަކަކީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކެވެ. މޫސުމާ ގުޅުންހުރި ކާރިސާތަކުގެ އަސަރު އެންމެންނަށް ހަމަހަމަ ގޮތެއްގައި ނުކުރާނެއެވެ. ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ އިރު އެންމެ ބޮޑު ބުރައެއް މި ވަގުތު އުފުލަން ޖެހިފައި ވަނީ ޕާކިސްތާނުގެ ފަގީރު މުޖުތަމައުތަކުގެ މީހުންނަށެވެ.

އެއިޑް ކެމްޕެއިން އިން މީގެ ކުރިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެ ގޮތުން ޔާމަން އާއި ފަލަސްތީނާއި، ސްރީލަންކާގެ ރައްޔިތުންނަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެއިޑް ކެމްޕެއިން އިން އެހީ ފޯރުކޮށް ދިނުމުގައި ބައިވެރިވާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކުވެސް އެތައް ދިވެހިންތަކެއް ވަނީ އެހީ ދިނުމުގައި ބައިވެރިވެފައެވެ. މިއީ ދިވެހިންގެ މެދުގައި އެކަކު އަނެއްކަކަށް އެހީތެރިވުމުގެ ޖޯޝާއި އިންސާނިއްޔަތުކަން ދައްކުވައިދޭ ހެއްކެކެވެ.