ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދު އިިސްލާހުކޮށްފައި ވަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ބްރޯޑްކޮމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ބްރޯޑްކޮމް އިން އިސްލާހުކުރި ރީބްރޯޑްކާސްޓިން ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ލިބޭނީ ދިވެހިންގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އެހެންކަމުން ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ހަމައެކަނި ލިބޭނީ މީޑިއާނެޓަށެވެ. ސަބަބަކީ މީޑިއާނެޓުގެ އިތުރުން، ރީބްރޯޑްކާސްޓިންގެ ހިދުމަތް ދެމުން ގެންދާ މުވާސަލާތީ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރައިންގެ މުވާސަލާތީ ކުންފުނި ބަޓެލްކޯ އަށް ވާތީއެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ރީބްރޯޑްކާސްޓު ކުރުމުގެ ގާނޫނު އިސްލާހުކޮށްފައި ވަނީ ގާނޫނުއަސާސީގައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގައި ބްރޯޑްކޮމްގެ މެންބަރުން ޖެހި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ.

އެކަމުގެ ސަބަބުން އަތްފޯރާ އަގެއްގައި އާންމުންނަށް ހިދުމަތް ލިބިގަތުމަށް ދަތިވާނެ ކަމަށާއި، ދިރާގުގެ ވިޔަފާރި އަށް ބުރޫ އަރައި، ވިޔަފާރީގެ އިންސާފުވެރި މާހައުލެއް ގާއިމްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޔަފާރީގެ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމްކުރުމަށް ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ދެނެގަނެ މި ވިޔަފާރީގައި ހަރަކާތްތެރިވާ ވަކި ބަޔަކު ބްރޯޑްކޮމްގެ މެންބަރުން ކޮންޓްރޯލްކޮށް އެ ބޭފުޅުންނަށް ފޯރުވާ ނުފޫޒުތައް ދެނެގަނެ އެ ބޭފުޅުން ޖަވާބުދާރީ ކުރުވުމަށްތަކައި މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން ޕާލިމަންޓްރީ އިންކުއަރީ އެއް ހަދައި، ރީބްރޯޑްކާސްޓިން ހިދުމަތް މިނިވަން އިންސާފުވެރި މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް ގޮވާލާ މި ގަރާރު ހުށަހަޅަން."
އަހްމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

އެ ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސްކުރި ގިނަ މެންބަރުން ތާއީދުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ބްރޯޑްކޮމް އިން ގެނައި އިސްލާހުގެ ސަބަބުން މީޑިއާނެޓަށް ބްރޯޑްކާސްޓިން ދާއިރާގައި ވަކި ހިއްޕާލުމަށް މަގުފަހިވާ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގައި ކުޑަ ހަރަދެއްގައި ރީބްރޯޑްކާސްޓުކުރުން ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ ރީބްރޯޑްކާސްޓުކުރުމަށް ގިނަ ފަރާތްތަކަކަށް ފުރުސަތު ދީ، ވާދަވެރިން އުފައްދައިގެންނެވެ.

"ތިޔައީ ވިޔަފާރިތައް ހަލާކުކޮށްލާ ގަވައިދެއް. ތިޔައީ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލުވާލާ ރާއްޖޭގެ އަގުވެއްޓޭ ގޮތަށް ހެދިފަ އޮތް ގަވައިދެއް. މިކަމުގެ ސަބަބުން ރީބްރޯޑްކާސްޓިންގައި ވާދަވެރިކަން އުފެއްދުން އެބަ ގެއްލިގެންދޭ. ތާކުންތާކު ނުޖެހޭ، ގާނޫނާ ދިމާ އިދިކޮޅަށް ހަދާ ފާޑެއްގެ ގަވައިދަކުން މުޅި ނިޒާމް ބަރުބާދުކޮށް މުޅިން ބަރުބާދުކޮށްލުމަކީ އެއްވެސް ގޮތަކަށް ކުރެވިގެން ވާނެ ކަމެއްނޫން."
އިބްރާހީމް ނަސީމް | ތުލުސްދޫ ދާއިރާގެ މެންބަރު

ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ރާއްޖޭގައި ރީބްރޯޑްކާސްޓުކޮށް އާންމުންނާ ހަމައަށް އަގުހެޔޮކޮށް މައުލޫމާތާއި މުނިފޫހިފިލުވުން ގެނެސްދެވޭނެ އުސޫލެއް ގާއިމްވެފައި އޮތުން މުހިންމު ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އޭރު ދިރާގުން ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން ދަނިކޮށް، ރާއްޖެ އަށް އުރީދޫގެ ހިދުމަތްތައް ތައާރަފްވެގެން އައުމާ އެކު ވާދަވެރިކަން އިތުރުވެ، އަގުތައް ހެޔޮވެގެން ދިއުމެވެ.

"ރީބްރޯޑްކާސްޓުކުރަން މިހާރު ރާއްޖޭގަ މައިގަނޑުކޮށް މި އޮތީ ދިރާގާއި މީޑިއާނެޓާ. މި ދެ ކުންފުނިން ކޮމްޕެޓިޝަންގެ ތެރެއިން މިކަން ކުރާތީ މިހާރު ވެސް މި އަގު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މި ގަވައިދަށް ބަދަލު ގެނެސްގެން މިކަން ކޮށްފިއްޔާ ފެނިގެން ދާނެ އަގު އަނެއްކާ ވެސް އުފުލިގެން ދާނެތަން." އޭނާ ވިދާޅުވިއެވެ.

ޝިޔާމްގެ ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ އެ ގަވައިދު އުވާލުމަށް ބްރޯޑްކޮމަށް ގޮވާލައިފައެވެ. އަދި އެ ގަރާރު ކޮމިޓީ އަށް ފޮނުވައިގެން ދިރާސާކުރުމަށް ވެސް ބައެއް މެންބަރުން ގޮވާލައްވާފައިވެއެވެ.