އާންމުކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ނުފެންނަ ހާ ރަހުމުކުޑަ ގޮތަކަށް ކުޑަކުއްޖަކު މަރާލައިފާ އޮއްވާ ފެނި ޕެރިހަށް ސިހުން ގެނުވައިފިއެވެ.

ޕެރިހުގެ ބޮއިސް ކޮލަމްބަސް އޭރިއާގައި ދިރިއުޅޭ އުމުރުން 12 އަހަރުގެ ލޯލާ މަރާލައި ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތިރިން ކޮމްޕައުންޑް ނުވަތަ ގޯތިތެރެއިންނެވެ.

ފުލުހުންނާ ހަވާލާދީ ހަބަރުތަކުން ބުނާ ގޮތުން، އެ ކުއްޖާގެ ހަށިގަނޑު ފޮށިގަނޑަށް ލައފައި ވަނީ ދެއަތާއި ދެފައި އައްސާ ކުރުގަޅުވާ، ފޮޑިގަނޑުގައި ހުރި ކުނިތަކުގެ ތެރޭގައި ފޮރުވޭ ގޮތަށެވެ. އެއީ އުމުރުން 12 އަހަރުގެ ސަްކޫލް ދަރިވަރެއް ކަމަށާއި، ލޯލާ ނުފެނިގެން އޭނާގެ ބައްޕަ ފުލުހަށް ރިޕޯޓު ކުރުމުން ހޯދާ ބަލަނިކޮށް ފެނުނީ ފޮށިގަނޑުގައި އޮއްވައި ކަމަށް ބުންޏެވެ.

އޭރު ލޯލާގެ މަންމަ އޭނާ ގެއްލިގެން ފޭސްބްކްގައި ފޮޓޯ އާންމުކޮށް އެވާހަކަ ހިއްސާ ކޮށްފައި ވާ އިރު، ފުލުހުން ކުރި މަސައްކަތުން އެ ޖަރީމާ ހިންގި ކަމަށް ތުހުމަތުވާ އަންހެނަކު މިހާރު ވަނީ ބަންދުކޮށްފައެވެ.

ލޯލާގެ މަރާ އެކު އެ އަވަށާއި މުޅި ޕެރިހަށް ސިހުން ގެނުވި އިރު، ފުލުހުންގެ ތަހުގީގުގައި އެންމެ އިންޗިއެއްވެސް ދޫނުކޮށް ސެކިއުރިޓީ ކެމެރާތަކާއި އެހެނިހެން ނަޒަރިއްޔާތުތަކުން ތަހުގީގު ހިންގާ އަންހެން މީހާ އަތުލީ، އެ ފޮށިގަނޑު ހިފައިގެން ލޯލާ ދިރިއުޅުނު އެޕާޓުމަންޓުން ނުކުންނަތަން ފެނިގެންނެވެ. އެ އަންހެން މީހާގެ ދައްތަވެސް ދިރިއުޅޭ އެ އެޕާޓުމަންޓު އިމާރާތަށް ލޯލާއާއެކު އެ އަންހެންމީހާ ވަންނަތަން ސެކިއުރިޓީ ކެމެރާތަކުން ފެނެއެވެ. އެއަށްފަހު ފޮށިގަނޑު ދަމަމުން ނުކުމެ ގޯތިތެރޭގައި ބަހައްޓާ މަގުމައްޗަށް ނުކުމެ ސިކުނޑި ހަމަނުޖެހޭ މީހަކު އުޅޭހެން އުޅެއެވެ.

ފުލުހުންނަށް ޝައްކުވެ އޭނާ ބަންދުކޮށްފައި ވާ އިރު، އޭނާއަށް އެހީތެރިވި ކަމަށް ބެލެވޭ ފިރިހެނަކުވެސް ވަނީ ބަންދުކޮށްފައެވެ.

މިހާދިސާގައި ލޯލަ މަރާލަން ޖެހުނު ސަބަބު އަދި ސާފު ނުވާ އިރު ބައެއް ފަރާތްތަކުން ބުނަނީ، އެ އަންހެން މީހާ އަކީ، އިންސާނުންގެ ގުނަވަން ވިއްކާ މީހެއް ކަމަށެވެ. ފުލުހުންނާއި އާންމު ބައެއް މީހުން ގަބޫލު ކުރަނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.

ފުލުހުން މިހާރު ތަހުހީގެ ކުރިއަށް ގެންދަނީ، ލާއިންސާނީ އަނިޔާ ދިނުމާއި ގަސްދުގައި މީހަކު މަރާލުމުގެ ނަޒަރިއްޔާއިންނެވެ. ހަބަރުތައް ބުނާ ގޮތުން، ތަހުގީގު ނިމި، ޝަރީއަތަށް ފޮނުވެންދެން އަލްޖީރިއާއަށް ނިސްބަތްވާ އެ އަންހެން މީހާ ހުންނަނީ ބަންދުގައެވެ.