ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް ހިއްޕަވައިގެން އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އޮމާންގެ ވެރިރަށް މަސްޤަތަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޝާހިދުގެ މި ދަތުރުފުޅުގައި:

  • އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދްރު އަލް ބުސައިދީ އާއި ބައްދަލުކުރައްވާނެ ކަމަށް
  • އޮމާންގެ ރަސްގެފާނު ހައިތަމް ބިން ޠާރިގަށް ރައީސް ފޮނުއްވި ސިޓީފުޅު އޮމާންގެ ފޮރިން މިނިސްޓަރަށް އަރުއްވާނެ ކަމަށް
  • ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، ކަމާގުޅޭ ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް

އޮމާންގެ ފޮރިން މިނިސްޓަރުގެ އިތުރުން، އެ ގައުމުގެ ހެރިޓޭޖް އަދި ޓޫރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަހްރޫގީ އާ ވެސް ޝާހިދު ބައްދަލުކުރައްވައި، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީ އާ އެކު ފަތުރުވެރިކަމާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ އޮމާނަށް ރާއްޖޭން ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ނަޖުވާއެވެ.