އަންނަ ރިޔާސީ ދައުރު ލިބިވަޑައިިގެންފިނަމަ ފައްޓަވާނީ ކަންކަން ތަންފީޒު ކުރެއްވުމުގެ މަސައްކަތް ކަމަށާއި، ދިރާސާ ކުރުމުގައި ވަގުތު ދުއްވާލެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ، މިހާރު އޮތް ސަރުކާރުން ކުރާ ކަމަކީ 4 އަހަރު ދިޔަ އިރުވެސް ދިރާސާ ކަމަށާއި އެއީ ނިމޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އަންނަ ރިޔާސީ ދައުރު ލިބިވަޑައިގެންފި ނަމަ، ޕީޕީއެމް އިން ކުރާނެ ކަމަކީ މިހާރުންސުރެ އެ ޕާޓީގެ ގުނަންތަކުން އެކި ދާއިރާތަކަށް އަމާޒުކޮށް އެކުލަވާލާ މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ.

ހއ ގެ 4 ރަށަކަށް ޔާމީން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިރޭ ހއ ދިއްދޫގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް މިސަރުކާރުން އިންޑިއާގެ ދަށުވެފައި އޮތް ކަމަށް ވިދާޅުވަމުން، މިސަރުކާރުން ކުރާ ކަމަކީ ބޮޑެތި އަދަދުތަކުން ބަދަލު ދިނުން ކަމަށާއި އިންޑިއާއާ ހަވާލުކުރި މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ނިމިދިޔަ ދައުރުގައި ކުރެއްވި ބައެއް މަސައްކަތްތަކާއި ހިންގެވި ބައެއް ކުންފުނިތަކަށް މިހާރު ދިމާވެފައިވާ ހާލަތުވެ ވާހަކަ ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މޯލްޑިވިއަން ދުއްވާ އައިލަންޑް އޭވިއޭޝަން އަކީ ފައިދާ ނެރުނު ކުންފުންޏެއް ކަމަށާއި މިއަދު އެތަން އެއޮތީ ބަނގުރޫޓުވެފައި ކަމަށެވެ.

މީގެ އިތުރުން ޔާމީން ވަނީ، ޔާމީންގެ އާ ދައުރެއްގައި މަސްވެރިންގެ ހައްގުގައި އާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ، މަސް ގަންނަ އަގު 20ރ އަށް ވުރެ ކުޑަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ދެމެހެއްޓުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު ގެންނަވާނެ ކަމަށާއި އާންމު މިންގަޑެއްގައި ތެޔޮ ލިބެން ހުންނަ ނަމަ، މަސް ގަންނަ އަގު ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވެއެވެ.

މަސްވެރިންނަށް ހިތްވަރު ލިބޭ ގިނަ ވާހަކަތައް ޔާމީން ދެއްކެވި އިރު، ނިމިދިޔަ ދައުރުގައި ޔާމީން ވަޑައިގަތީ ބެޔަސް ނުބެޔަސް 10،000ރ ދެއްވާނެ ކަމަށް ވީ ވައުފުޅާއެކުގައެވެ. ނަމަވެސް އެ ވައުދެއް ފުއްދެވިފައެއް ނުވެއެވެ.