ކުއްޔަށް ދޫކުރާ އެޕާޓްމަންޓުގެ ކަރަންޓާއި ފެނަށް ބިލުކުރާއިރު ތަނުގެ ވެރިފަރާތަށް ބިލު ކުރުމުގެ ބަދަލުގައި، އެ ތަނެއްގައި އުޅޭ ފަރާތަކަށް ސީދާ ބިލުކުރެވޭ ގޮތަށް ހަދަން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު އިސްލާހުކުރުމަށް މިއަދު ފާސްކޮށްފިއެވެ.

މިހާރު އޮންނަ ގޮތުން ނަމަ ކަރަންޓާއި ފެނުގެ ބިލު ފޮނުވަނީ އެ ތަނެއްގެ ވެރިފަރާތަށެވެ. އެހެންވެ، ކުއްޔަށް ދިރިއުޅޭ މީހުން ބައެއް ފަހަރު ތަން ދޫކޮށްފައި ދާއިރު ބިލު ނުދައްކާތީ އޭގެ ޒިންމާ ނަގަން ޖެހެނީ ވެރިފަރާތުންނެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެ ބިލު ފާސްކޮށްފައި ވަނީ މަޖިލިހުގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަށް ވޯޓަށް އަހާފައި ވަނީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު، ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެނައުމަށް ފަހުގައެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މޭ 30 ގައެވެ. އަދި ޖޫން 27 ގައި ވަނީ ކޮމިޓީ އަށް ފޮނުވައިފައެވެ. ބިލުގެ ދިރާސާ މަރުހަލާގައި ކޮމިޓީން ވަނީ ޔޫޓިލިޓީގެ ހިދުމަތްދޭ ފަރާތްތަކާ ބައްދަލުކޮށް ލަފާ ހޯދައިފައެވެ. އެ ފަރާތްތަކާ އެކު ކުރި މަޝްވަރާތަކުން ކޮމިޓީ އަށް ފާހަގަވި ކަންކަމަށް ބަލާއިރު:

  • ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މީޓަރުތައް ރަޖިސްޓްރީކޮށްފައި ވަނީ ތަނުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވުމުން، ބިލު ކުރެވެނީ އެ މީޓަރުގެ ވެރިފަރާތަށް، އެހެންވެ ހިދުމަތްދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވޭ
  • ހިދުމަތް ހޯދާ ފަރާތްތަކުން ތަން ދޫކޮށްފައި ދާއިރު އެ ފަރާތްތަކުން ނުދައްކާ ބިލުތަކަށް ބައެއް ފަހަރު ޒިންމާ ނުނެގުމުގެ ސަބަބުން، މީޓަރުގެ ވެރިފަރާތަށް ބިލަށްވާ ފައިސާ ހޯދުމަށް ދަތިވޭ

އެހެންކަމުން، އެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ކޮމިޓީން އިސްލާހުތަކެއް ބިލަށް ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން މީޓަރު ކުރެވިފައިވާ ހިދުމަތްތައް ރަޖިސްޓްރީ ކުރެވިފައި ހުންނަން ވާނީ ތަނެއްގެ ވެރިފަރާތުގެ ނަމުގައި ކަމަށާއި، ނަމަވެސް ހިދުމަތް ބޭނުންކުރަނީ އެހެން ފަރާތަކުން ކަމަށް ވާ ނަމަ އެ ހިދުމަތެއް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށް ހިމެނެއެވެ.

އަދި ހިދުމަތް ރަޖިސްޓްރީކުރި މުއްދަތުގައި އެ ހިދުމަތަކަށް ހިނގާ ހަރަދުތަކުގެ ޒިންމާ ނަގަން ޖެހޭނީ އެ ހިދުމަތެއް ބޭނުންކުރާ ފަރާތަކުން ކަމަށް ވެސް، ހުށަހެޅި އިސްލާހުތަކުގައިވެއެވެ.

އޭގެ އިތުރުން، އެކަން ކުރުމުގެ އުސޫލެއް ޔޫޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އެކުލަވާލަން ޖެހޭ ގޮތަށް އިސްލާހެއް ހިމަނާފައިވެއެވެ.