ދުނިޔޭގެ އެތަން މިތާނގައި ހިޖުރަކުރާ ހިޖުރަވެރިންގެ މައްސަލަތައް ފެންމަތިވަމުން އައި ނަމަވެސް ގްރީސް އާއި ތުރުކީ ބޯޑަރުން ބަރަހަނާ ހާލުގައި ފެނުނު 92 ރެފިއުޖީންގެ ސަބަބުން އދ ހައިރާން ވެއްޖެއެވެ.

އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނީ، ބަރަހަނާ ހާލުގައި ތިބި ރެފިއުޖީންތަކެއް ފެނި، ޝޮކެއް ލިބިފައި ވާ ކަމަށާއި އެ މައްސަލަ ބަލާ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ގްރީސް އާއި ތުރުކީ ގުޅޭ ބޯޑަރުން ފެނުނު މި ރެފިއުޖީން ތިބި ހާލުގެ ސަބަބުން، ދެ ގައުމަށް ފާޑުކިޔުން އަމާޒުވަމުން ދާ އިރު، އެ ދެގައުމުން ޒިންމާ އަޅުވަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައެވެ. ގްރީސް އިން ބުނަނީ ރެފިއުޖީންގެ ކަންތަކުގައި ތުރުކީން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ލަދުވެތިކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި އިންސާނީ ދަރިފަސްކޮޅަށްވެސް ހުތުރު ވާ ކަމަށެވެ.

ތުރުކީން ބުނަނީ، ގްރީސް އިން ދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށާއި އެއީ ގްރީސްގެ ނުލަފާކަން ކަމަށެވެ.

ގްރީސް އާއި ތުރުކީ ގުޅޭ އުތުރު ބޯޑަރުން ފެނުނު މި 92 ރެފިއުޖީން ސަލާމަތް ކުރީ ގްރީސް އިންނެވެ. އެ ގައުމުން ބުނީ، އީޔޫ ބޯޑަރު ބަލަހައްޓާ އެޖެންސީ ފްރޮންޓެކްސް އިން ހިންގި ތަހުގީގުން، ރެފިއުޖީން ގްރީސްއަށް ވަދެފައި ވަނީ ރަބަރު ޑިންގީތަކެއްގައި ތުރުކީގެ އެވްރޮސް ކޯރު ހުރަސް ކޮށް ކަމަށެވެ. އެ އެޖެންސީން ބުނި ގޮތުގައި ފެނުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު އެމީހުންގެ ތެރޭގައި ގިނައީ ސީރިއާ އާއި އަފްގާނިސްތާނަށް ނިސްބަތްވާ ފިރިހެނުން ކަމަށެވެ.

ގްރީކްގެ މިނިސްޓާ ފޯ ސިވިލް ޕްރޮޓެކްޝަން ޓަކިސް ތެއޮޑޮރިކާކޮސް ވިދާޅުވީ، ރެފިއުޖީން އެވްރޮސް ކޯރު ކައިރިއަށް ގެންދިޔައީ ތުރުކީ ސިފައިން ކަމަށް ރެފިއުޖީންގެ ތެރެއިން ބައެއް މީހުން ބުނާ ކަމަށެވެ.

ބަރަހަނާ ހާލުގައި ތިބި ރެފިއުޖީންގެ މި މައްސަލަ ފެންމަތިވެފައި މިވަނީ، ގަވައިދާ ހިލާފަށް ގްރީސް އިން ތުރުކީއަށް ރެފިއުޖީން ވައްދާ މައްސަލަ ފޮރެންޓެކްސްގެ ސީނިއާ ބައެއް ސްޓާފުން ސިއްރު ކޮށް ފޮރުވާކަން ހާމަވާ ސިއްރު ރިޕޯޓެއް އީޔޫ އެޖެންސީއަކުން ލީކް ކޮށްލިތާ ހަފްތާއެއް ނުވަނީހެވެ.

މި ރިޕޯޓާ ގުޅިގެން، ގްރީސް އިން ތުހުމަތުތައް ދޮގު ކުރިނަމަވެސް، ފޮރެންޓެކްސް އިން ބުނެފައި ވަނީ ތުހުމަތު ކުރާ އެފަދަ މައްސަލަތައް މީގެ ކުރިން ހިނގާފައި ހުރި ކަމަށެވެ.

ގްރީސް އާއި ތުރުކީއަށް ވަންނަ ރެފިއުޖީންގެ މައްސަލަ ބޮޑުވެފައި ވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އދ މަޖިލީހުގައިވެސް ވިދާޅުވެފައި ވަނީ ގްރީސް އިން މަސައްކަތް ކުރަނީ އެވްރެސް ކޯރާ ގުޅިފައި އޮނަން އެއިގަން ކަނޑަކީ ގަބުރުސްތާނަކަށް ހެދުމަށް ކަަމަށެވެ.

މެދުއިރުމައްޗާއި އަފްގާނިސްތާނުގެ ހަނގުރާމަ އާ ހެދި ގައުމު ދޫކޮށް ނުކުންނަ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ވަންނަނީ ގްރީސް އަށެވެ. އެމީހުން ގްރީސްގެ އިމުގެ ތެރެއަށް ވަންނަނީ ތުރުކީ މަގުން އެއްގަމާއި ކަނޑުންނެވެ.

މީގެ ކުރިންވެސް ތުރުކީއާއި ގްރީސްގެ ބޯޑަރުގައި އޮންނަ ކުޑަކުޑަ ރަށެއްގައި ތާށިވެފައި ތިބި 38 ހިޖުރަވެރިން ފެނިފައި ވާ އިރު އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނުނެވެ.

އޭރު ފެނުނީ 22 ފިރިހެނުންނާއި 9 އަންހެނުންނާއި 7 ކުޑަކުދިންގެ ގްރޫޕެކެވެ.