އަދާލާތު ޕާޓީއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައީސް ޔާމީނަށް އިމްރާން ބަހުގެ ހަމަލާ އަމާޒުކުރައްވާފައި މިވަނީ އަދާލަތު ޕާޓީއަށް ވަދެގެން މާތްﷲ ގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް ޔާމީން މިހާރު ހއ. ގެ 5 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ އަދާލަތު ޕާޓީއާއި އެޕާޓީގެ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފަގުޑި އަޅައިގެން ވެސް މިފަހަރު ޝެއިހުން އަންނާނެ ކަމަށާއި އެ މީހުން އައިސް އާޔަތާއި ހަދީސް ކިޔާނީ އެމީހުން ބޭނުން މާނައެއްގައި ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުން ގާތުގައި އެބޭފުޅުން އެފަދަ ވާހަކަތައް ދައްކަވާ އިރު ވިސްނާލަން ޖެހޭނެ ކަމަށާއި ފަތަން ނޭނގި ފުން ކަނޑަކަށް ފުންމާލައިގެން ނުވާނެ ކަމަށް ވިދާޅުވެ މަޖާޒީ ގޮތުން އެވާހަކަ އަމާޒު ކުރެއްވީ އަދާލަތަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި އިމްރާން ވިދާޅުވީ އަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަން ކުރުމަށް ނަމަ ޔާމީން އެ ވިދާޅުވީ ތެދުފުޅެއް ކަމަށާއި އެހެންނަމަވެސް އަދާލަތަށް ވަންނަނީ މާތްﷲ ގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނަކަށް ވުމުގެ ނިޔަތުގައިނަމަ ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށެވެ.
އިމްރާންގެ އެ ރައްދުގައި މީހުންނަށް އަނިޔާ ކުރާ ވާހަކަ އަމާޒު ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އިމްރާންވެސް ހިމެނޭހެން ދިޔާސީ އެތައް ބަޔަކު ހިފާ ހައްޔަރުކޮށް ގެންގުޅުނު ހާދިސާތަކަށް އަމާޒު ކުރައްވައެވެ. ޔާމީންގެ ވެރިކަމުގައި ހުކުމެއް ނެތި އެންމެ ގިނަ ދުވަހަށް ބަންދުގައި ބެހެއްޓެވި އެއް ބޭފުޅަކީވެސް އިމްރާނެވެ. އިމްރާންގެ ވާހަކާގައި ވައްކަން ކުރުން ކަމަށް ވިދާޅުވެ އިޝާރާތް އެ ކުރައްވަނީ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް އައްިސްފައިވާ ހުކުމާއި، އަދި މިހާރުވެސް ހިނގަމުންދާ ޔާމީނުގެ ޝަރީއަތަށް އިޝާރާތް ކުރައްވާ ކަމަށް ގަބޫލުކުރެއެވެ.