އީރާނުގެ ވެރިރަށް ތެހެރާން ގައި ހުންނަ ހައި ސެކިއުރިޓީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި 4 މީހަކު މަރުވެ 61 މީހަކު ޒަހަމްވެފައި ވާ ކަމަށް އެގައުމުގެ ޓީވީން ބުނެފިއެވެ.

މިހާދިސާ ހިނގީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ މެދުގައި ހިނގި ހަމނުޖެހުމަކާ އެކު ޖަލުގައި ރޯކޮށްލުމުން އުފެދުނު ދުންގަނޑުގައި ނޭވާ ހާސްވެގެން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

މަރުވި މީހުންގެ އިތުރުން އަނިޔާވި ބައެއް މީހުން، ހޮސްޕިޓަލަށް ގެންގޮސްފައި ވާ އިރު މި ޖަލަކީ، ސިޔާސީ މީހުންނާއި ނޫސްވެރިންގެ އިތުރުން، ބޭރު މީހުންވެސް ލާފައި ތިބޭ ޖަލެކެވެ. އަދި ދާދި ފަހުން މަރުވި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާ އެކު އީރާނުގެ އެތަން މިތާނގައި ހިނގަމުން ދާ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންވެސް ބައިތިއްބާފައި ތިބީ މި ޖަލުގައި ކަމަށް ހަބަރު ލިބެއެވެ.

ތެހެރާން ގެ އެވިން ޖަލުގައި ތިބި ބައެއް އަންހެން ގައިދީން / ފޮޓޯ: ރޮއިޓާސް

ޖަލުގައި ހިނގި ހާދިސާއާ ގުޅޭ ގޮތުން ތެހެރާންގެ ޓީވީ އިން ރިޕޯޓު ކުރި ގޮތުގައި، ހާދިސާ ހިނގާފައި ވަނީ ޖަލުގައި ފަހާ ވޯކްޝޮޕްގައި ކަމަށާއި އެތަން ހުންނަނީ ޖަލުގެ މަތީ ފަންގެފިލާއެއްގައި ކަމުން އަލިފާނުގެ ސަބަބުން، ބިއްތަކާއި ސީލީންވެސް އަނދައިގެން ގޮސްފައި ވާ ކަމަށް ބުނެއެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާ ދީ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، ހާދިސާ ހިނގީ ޖަލުގައި ތިބި މީހުންގެ ތެރޭގައި ދެބަސްވުން ހިނގާ، އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި އުކާ ހެދުމަށް ފަހު އެވެ. އަދި ޖަލުގެ އެ ފަހާ ވޯކްޝޮޕްގައި ރޯކޮށްލީ އެތަނުން ބައެއް ކަމަށްވެސް ބުެނެއެވެ.

މިހާދިސާއާ އެކު ކުށްވެރިން މައިތިރި ކޮށް ކޮންޓްރޯލް ކުރުމަށް ޕްރިޒަން އޮފިސަރުން ބަޑިޖަހާ އަދި ކަރުނަ ގޭސް ޖެހިކަމަށްވެސް ބުނެއެވެ.