އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މޭރީގެ ފިރިމީހާގެ މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ފަރާތުން މިއަދު އެދުނު ނަމަވެސް ސިއްރުނުކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަޑުއެހުން ހާމަކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރުކޮށްފާނެ ކަން ފާހަގަކުރައްވާ ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން އެދިފައެވެ. މީގެ އިތުރުން ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ވެސް ވަނީ އެ އަޑުއެހުމަށް ގިނަ އަދަދެއްގެ ނޫސްވެރިން ވަދެ ތިބި ކަމަށާއި އެކަމަށްޓަކައި ސިއްރުކޮށްދޭން އެދޭ ސަބަބުތައް ހާމަވާން ބޭނުން ނުވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އަޑުއެހުން ސިއްރުކުރުމާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް މިއަދުގެ އަޑުއެހުމުގެ ވަކި ހިސާބަކުން އަޑުއެހުން ސިއްރުކޮށްފައެވެ. އެހެންނަމަވެސް ގާޒީ ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުނުކުރުމަށް އެދިފައެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު ހެކިބަސް ނެގުމުގެ މަރުހަލާ ފެށުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެކުރިން ހެކިބަސް ނެގުމަށް މި މަހު 16 އަދި 17 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާއިރު މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހެޅީ އެއް ހެކިތަކެކެވެ. އެއީ ޖުމުލަ 110 ހެއްކެވެ. 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.