ސިޔާސީ މީހުންނާއި، ނޫސްވެރިންނާއި އަދި ބޭރުގެ ރައްޔިތުން އާންމުކޮށް ބަންދު ކުރާ ތެހެރާނުގެ ޖަލެއްގައި ރޯވުމުގެ އިތުރުން ބަޑީގެ އަޑުފައްގަނޑު އިވިއްޖެ ކަމަށް ހަބަރުތައް ލިބިއްޖެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ މައްޒަރާއި އަޑަށް ބަލާއިރު، އެވިން ޖަލުގައި ރޯވެފައި ވާ އަލިފާންގަނޑުގެ ދުން މައްްޗަށް އަރައިގެން ދާ ތަން ފެންނަ އިރު ބަޑީގެ އަޑު އިވެއެވެ.

މި ޖަލަކީ، މިދިޔަ މަހު މަރުވި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ ހާދިސާއަށް ފަހު އާންމުން މަގުތަކަށް ނުކުމެ ކުރަމުން ދާ މުޒާހަރާގައި ހައްޔަރު ކުރާ މީހުންވެސް ބައިތިއްބާ ޖަލެވެ.

ޖަލުގައި ހާދިސާއެއް ހިނގައި އަލިފާން ރޯވެފައި ވީ ނަމަވެސް، އެ ހާދިސާއާއި، މުޒާހަރާގެ ބައިވެރިން ޖަލަށް ލުމާ ގުޅުމެއް ނެތް ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ. އަދި މިހާރު ހާލަތު ކޮންޓްރޯލް ކުރެވިއްޖެ ކަމަށްވެސް ބުނެއެވެ.

މ ޖަލުގައި ރޯވެފައިވާ އިރު، ޖަލުތެރެއިން "ޑެތް ޓް ޑިކެޓޭޓާ" ގޮވާ އަޑު އިވޭކަމަށް ބޭރުގައި ތިބި މީހުންނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ. އަދި ޖަލުގެ ބޭރުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވުމުގެ ސަބަބުން އެރަހައްދުގެ ޓްރެފިކްވެސް ބްލޮކެވެ މަގުތައް ބެދިފައިވާ ކަމަށްވެސް ހަބަރު ލިބެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުން، އެ ޖަލުގައި ލާއިންސާނީ އަނިޔާ ދިނުމާއި، ބިރު ދެއްކުމާއި ސިންހީ ފަރުވާއިން މަހުރޫމު ކުރުމުގެ އިތުރުން، ތަހުގީގުގެ މަރުހަލާ ދިގު ދެންމުން ފަދަ ލާއިންސާނީ ކިތަންމެ ކަމެއް ކުރެއެވެ.