ޕީޕީއެމް ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖަލުގައި ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުން ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ޖަލުގައި ވަރަށް ގިނަ ކަމަށެވެ.

ކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ބައެއް ނޫން ކަމަށާއި އަދި ފަނޑިޔާރުން ޝަރީއަތް ހިންގާ ގޮތް ގާނޫނު މެދުވެރިކޮށް ރެގިއުލޭޓުކުރައްވާނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވަނީ ކުދިކުދި ކުށްތަކުގައި ވާނުވާ ޖަހާފައި ތިބި މީހުން ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މިނިވަން ކުރާނެ ކަމަށެވެ.

އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނަން،
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާ ގޮތަކަށް ފަނޑިޔާރުން ހުކުމް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މުއްދަތު ޖެހުމަށްފަހު ދެވަނަ ފަހަރަށް މުއްދަތެއް ޖަަހައިގެންނުވާނެ ކަމަށާއި އެ ހިސާބުން އެ މައްސަލައެއް ދައުވާ ކުރަން ފޮނުވެންވާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.