މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 35،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި ކަމަށް، ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ޖޫން މަހުގެ 26 އިން ފެށިގެން މިދިޔަ މަހުގެ 26 ގެ ނިޔަލަށެވެ. ނަމަވެސް ރޭ 12 ޖެހުމާ ހަމައަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ފޯމް ހުށަހެޅި ފަރާތްތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35،861 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ބިންވެރިޔާ: 15،164 ފޯމް ހުށަހަޅާފައިވޭ
  • ގެދޮރުވެރިޔާ (ތިން ކޮޓަރީގެ އެޕާޓްމަންޓް): 14،489 ފޯމް ހުށަހަޅާފައިވޭ
  • ގެދޮރުވެރިޔާ (ދެ ކޮޓަރީގެ އެޕާޓްމަންޓް): 6،208 ފޯމް ހުށަހަޅާފައިވޭ

ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1،250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4،000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ވެއެވެ.