ދިވެހިރާއްޖެއަށް އައިސްފައިވާ ތަރައްގިއަށް ބަލާއިރު ޗައިނާއިން ބޮޑު ހިއްސާއެއް ވެފައިވާ ކަމަށާއި މުސްތަގްބަލުގައި ވެސް ރާއްޖެއަށް ތަރައްގީ ގެނެސް ދިނުމުގައި ޗައިންގާ ެހިއްސަ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމަނިކުފާނު ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގު ތާރީހެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާއީ، ސަގާފީ އަދި އިގްތިސޯދީ ތަރައްގީގައި ޗައިނާއިން ނުހަނު ބޮޑު ހިއްސާއެއް ވެދީފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައި ވެއެވެ.

މީގެ އިތުރުން އެ އެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނޭ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީހީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަ ކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިހްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ވެސް ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންއަށް ވަކިން ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ ތާރީހީ ގުޅުމާއި، ސިޔާދަތީ ހަމަހަމަ ކަމާއި، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލަށް ކުރާ އިހްތިރާމަކީ، ދެ ގައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާ ކަމަށާއި، ފާއިތުވި 50 އަހަރު ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ މި މެސެޖުގައި، އިޖުތިމާއީ ތަރައްގީ އާއި އިގްތިސޯދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލްވުމުގައި ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންއަށް ވަކިވަކިން ފޮނުއްވެވި މި ދެ މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެ ހައުމުގެ މެދުގައި އޮތް ގާތް ރަހްމަތެރިކަމުގެ ގުޅުން ބަދަހިވެގެން ދާނޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.