ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންގެ ޖަނާޒާ މާދަމާ މެންދުރު ހުކުރު ނަމާދަށް ފަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އަޒުހާންގެ ޖަނާޒާ މާދަމާ ބާއްވަން ހަމަޖެހިފައި ވަނީ، ހުކުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.
މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖެހި އިރުން ފެށިގެން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖެހި އިރު އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އަޒްހާންގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދާތާ ދެ ހަފްތާ ވީ ދުވަހުއެވެ. ސީސީޓީވީ ފުޓޭޖްގެ މައުލޫމާތުން އެންމެ ފަހުން އަޒްހާން ފެނުނު ސަރަހއްދުން 2 ހަފްތާ ފަހުން ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނުމުން އަޒްހާން ހޯދުމަށް ފުލުހުން ތަހުގީގު ހިނގުމުގައި ފަރުވާ ކުޑަ ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.
އަޒްހާންގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ ވޯޓާ ތީމް ޕާކް ސަރަހައްދުންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އެ ސަރަހައްދުގައި ވެސް ވަނީ ކުނި ވަސް ހިފާފައެވެ.
އެ ހަށިގަނޑު ފެނުނީ ކުނި ވަސް ދުވައިގެން ނޫން ކަމަށާއި އެތަން ބެލީ މި މައްސަލައިގައި ކުރަމުން ދިޔަ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ހަށިގަނޑަށް ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އަދި އޭނާގެ ހަށީގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑީއާ އަށް ފޮނުވާލާފައެވެ.
މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދުގެ ވަގުތެއްގައި އެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެ ޕޯސްޓްމޯޓަމްއާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.