ރައީސް އަބްދުﷲ ޔާމީނާއެކު ދައުލަތުން ހުށަހެޅި 3 ހެއްކެއް ބަލައިނުގަތުމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރު މިއަދު ކޯޓުގައި އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބެލެވި އޭސީސީއާއެކު އެއްބަސްވުމެއް ހަދައި އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރި ކަމުގެ ރަސްމީ ލިޔުންތައް ފޮނުވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ. އާޒިމާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާކޮށްފައެވެ.

މިއަދުގެ ޝަރީއަތުގައި އާޒިމާގެ ގާނޫނީ ވަކީލު ފަޒްނާ އަހުމަދު ވިދާޅުވީ އާޒިމާއަށް ކުރާ ތުހުމަތުގެ މައިގަނޑު ކުށް ދައުލަތުން ނިސްބަތް ކުރަނީ ޔާމީނަށް ކަމަށާއި އެހެންނަމަވެސް ޔާމީނަށް އެ ކުށުގައި އުފުލާފައިވާ ދައުވާ ދައުލަތަށް ސާބިތުނުކޮށްދެވޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުށުގެ މައިގަނޑު އަމަލު ހިންގި ކަމަށް ތުހުމަތު އޮތް މީހަކަށް އޭގައި ބައިވެރިވާ އެހެން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަކީ ޝަރުއީ އަދި ގާނޫނީ ހަމައަކުން ބަލާނަމަ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ.

އާޒިމާގެ ފަރާތުން ޔާމީންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ވަނީ އެދިފައެވެ.

އެގޮތުން ލުތުފީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް އެދޭ ސަބަބެއްގެ ގޮތުގައި އާޒިމާގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭނައަށް ބިރު ދައްކާ ބަޔަކު އިންޒާރު ދެމުންދާ ކަމާއި އެކަމާ ހުރެ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް އޭނާ ބުނެފައިވާތީ އެއީ ޝަރީއަތަށް މިނިވަން އަދި އަދުލުވެރި ހެކިބަހެއް ދެވޭނެ މީހެއް ކަމަށް ނުބެލެވޭ ކަމަށާއި ޝަރީފުގެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދޮގު ބަޔާން ދީފައި އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީ އޭނާ ހެކި އަދުލުވެރިނުވެދާނެތީ ކަމަށެވެ.

އާޒިމާގެ މައްޗަށްކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުން އާޒިމާގެ ފަރާތުން ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މެއި މަހު 16 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން މިހާރު ނެތް ކަމަށެވެ.

އެހެންކަމުން ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް އާޒިމާގެ ފަރާތުން ބުނިނަމަވެސް، އެކަންކަމާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައިވެއެވެ.