ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު، އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން މަޖިލިހުގެ ރުހުން ހޯދަން ފޮނުވައިފިއެވެ.

އެ މަގާމަށް އައްޔަނު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރު، މުހައްމަދު ފިރާޒަށް ރުހުން ހޯދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހޯމަ ދުވަހު ފޮނުއްވި ސިޓީ ވަނީ މިއަދުގެ ޖަލްސާގައި އިއްވައިފައެވެ.

ރައީސްގެ ސިޓީ އިއްވުމަށް ފަހު، މީގެ ކުރިން އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ފިރާޒަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) އަށް ވަނީ ފޮނުވައިފައެވެ.

ޕީސީބީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ އެ ބޯޑުގެ މިހާރުގެ ރައީސް އާސިމް މުހައްމަދެވެ. އާސިމް އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގައި އާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ އައިޝަތު ޝާޒްލީ، އަލީ ޝަފީއު، އަހްމަދު ޝަރީފް ޔޫސުފް، އަލީ ޝުޖާއު، އަދި ރުޝާހާ އަހްމަދެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.