ސައުދީ ސަރުކާރުން ރާއްޖެ އަށް ދޫކޮށްފައި އޮންނަ ރަސްމީ ކޯޓާ އިތުރުކުރުމަށް މީގެ ދެ އަހަރު ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސައުދީގެ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް، އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖެ އަށް އާންމު ގޮތެއްގައި ސައުދީ ސަރުކާރުން ދޫކުރަނީ 1،000 ޖާގައިގެ މީހުންގެ ކޯޓާއެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިދިޔަ ހިޖުރީ އަހަރުގައި ސައުދީން ރާއްޖެ އަށް ދޫކޮށްފައި ވަނީ 453 މީހުންގެ ކޯޓާއެކެވެ.

އެކަމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، ރާއްޖެ އަށް ލިބޭ ރަސްމީ ކޯޓާގެ އިތުރުން، 1،500 ކޯޓާ އިތުރުކޮށް ޖުމްލަ 2،500 ކޯޓާ ހަމަޖައްސައިދެއްވުމަށް ރައީސް އަރަބި ބަހުން ސައުދީ ރަސްގެފާނަށް، މީގެ ދެ އަހަރު ކުރިން ޖެނުއަރީ މަހުގައި ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސްގެ އެ ސިޓީފުޅާ ގުޅިގެން ސައުދީ ސަރުކާރުން އެއްވެސް ޖަވާބެއް ދިންތޯ ބެލުމަށްޓަކައި ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިޓީ އެއް ފޮނުވާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އެކި ފަހަރު މަތިން ފޮރިން މިނިސްޓްރީ އާ މުއާމަލާތްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސިޓީފުޅާ ގުޅިގެން ސައުދީ ސަރުކާރުން އެއްވެސް ޖަވާބެއް ލިބިފައިވޭތޯ ބެލުމަށް 8 ފެބްރުއަރީ 2022 ގައި މި އޮފީހުން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ އެއް ފޮނުވާފައި. އަދި މީގެ އިތުރުން މިކަމާ ގުޅޭގޮތުން ވެސް އެކިފަހަރު މަތިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާ މުއާމަލާތް ކުރެވިފައި ވާނެ."

ނަމަވެސް އެ މުއާމަލާތްތަކާ ގުޅިގެން ރައީސް އޮފީހުންނާއި ފޮރިން މިނިސްޓްރީން އެއްޗެއް ވިދާޅުވިކަން ނުވަތަ ނުވާކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

އޭގެ އިތުރުން، މިދިޔަ އަހަރުގެ ހައްޖު ދަތުރާ ގުޅިގެން ހުޅުވާލި ފުރުސަތުގައި ހައްޖަށް ދިއުމަށް ކުރިމަތިލި މީހުންގެ ގުރު ނެގުމަށް ފަހު ހޮވުނީ ކޮން ފަރާތްތަކެއް ކަން ތަފްސީލުކޮށް އާންމުންނަށް އެނގޭނެހެން އާންމުނުކުރީ ކީއްވެތޯ އިބްރާހީމް ރަޝީދު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، އައިޑީ ކާޑު ނަންބަރު އެކަނި ހާމަކޮށްފައި ވާނީ ގުރުއަތުން ހޮވުނު މީހުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް އާންމުނުކޮށް އެ ފަރާތްތަކަށް ޖާގަ ލިބުނުކަން އަންގައިދެވޭނެތީ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް މިދިޔަ އަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. އަދި ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ.