ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން އެމެރިކާގެ ވޮޝިންޓަނަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާނެއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާއާއި ގެން ކުރިއަށް ދިއުމުގެ ކުރިން ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިރޭ ވޮޝިންޓަނަށް ފުރާވަޑައިގަންނަވަނީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމަކަށް، ސީވީއެފްގެ ފަރާތުން، އެ ފޯރަމްގެ 20 ފިނޭންސް މިނިސްޓަރުންނާ އެކުގައި ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މިވަގުތު ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގެ އިގްތިސޯދުތަކަށް ވަނީ ލޮޅުންތައް އަރައިފައެވެ. އަދި މިކަމާ ބައިނަލްއަގުވާމީ އިދާރާތަކުން ވިސްނަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކްލައިމެޓް ވަލްނަރަބަލް ފޯރަމް ދެކޭގޮތުގަ ކުރިއަށް މި އޮތް ދެ އަހަރުގެ ތެރޭގަ އެ ފޯރަމްގަ ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާ ގާތަށް އިގްތިސޯދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާ ކުރިމަތިލާ، އަދި ސޮވެރިން ޑިފޯލްޓުގެ މިންވަރާ އެ ގައުމުތަކުގެ އިގްތިސޯދުތައް ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ."

"އެހެންވުމާ އެކުގައި އެ ފޯރަމުން، އެއީ ކްލައިމެޓް ވަލްނަރަބަލް ފޯރަމުން މަސައްކަތްތަކެއް ފަށާފަ މި ވަނީ މާލީ އިދާރާތަކާ ވާހަކަ ދެއްކުން."

އެ ދަތުރުގެ ހުރިހާ ހަރަދުތަކެއް ކުރަނީ ސީވީއެފުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު އާދަޔާ ހިލާފަށް ބޮޑަށް ކުރާ ގައުމުތަކުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ ޕާޓްނާޝިޕެކެވެ. ރާއްޖެ އިސްވެ އުފެއްދި މި ބައިނަލްއަގުވާމީ ޕާޓްނާޝިޕްގައި ރާއްޖެ އާ އެކު 54 އިތުރު ގައުމެއް ހިމެނެއެވެ.