އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިންތިހާބުގައި، ދިވެހިރާއްޖެ ވާދަކޮށް ކުރި ހޯދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލާފައިވާ ކަމަށެވެ.

މިގޮތުން ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައެޅިފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، 189 ގައުމަކުން މިއިންތިހާބުގައި ވޯޓުލާފައިވާއިރު، ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް އިންތިހާބުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ބަހާލެވިފައިވަނީ ސަރަހައްދީގޮތުން އދގެ އެންމެހާ މެންބަރު ގައުމުތައް ތަމްސީލުވާނެހެންނެވެ. އެއީ:

  • ގްރޫޕް އޮފް އެފްރިކަން ސްޓޭޓްސް (13)
  • ގްރޫޕް އޮފް އޭޝިއާ ޕެސިފިކް ސްޓޭޓްސް (13)
  • ގްރޫޕް އޮފް އީސްޓަރން ޔޫރަޕިއަން ސްޓޭޓްސް (6)
  • ގްރޫޕް އޮފް ލެޓިން އެމެރިކަން އެންޑް ކެރީބިއަން ސްޓޭޓްސް (8)
  • ގްރޫޕް އޮފް ވެސްޓަރން ޔޫރަޕިއަން އެންޑް އަދާ ސްޓޭޓްސް (7)

މިނިސްޓްރީން ބުނީ، 47 މެންބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ހިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އ.ދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްއިއްޔާއަކީ ތަފާތު ހިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާ ކަމަށެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރުންގެ ދައުރަކީ ތިން އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން ދެދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ލިބިގެންނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިރޭ ބޭއްވި އިންތިހާބުގައި އަލަށް ހޮވުނު މެންބަރު ޤައުމުތަކުގެ ދައުރު ފެށޭނީ ޖަނަވަރީ 1، 2023 ގައެވެ.