"މަނިކެ މަގޭ ހިތޭ" ލަވަ ކިޔައިގެން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދި ސްރިލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ރާއްޖޭގައި ޝޯ އެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.
ބައިސްކޯފުން އިންތިޒާމު ކޮށްގެން ޔޫތު މިނިސްޓްރީއާ ގުޅިގެން ބާއްވާ މި އަހަރުގެ "ޗަނާޗާ" ޝޯގައި ޔޮހާނީ ޝޯ ދޭނީ މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލޭ ސްޓޭޑިއަމްގައެވެ. ދެ ދަންފަޅިއަކަށް ބަހައިލައިގެން މި ޝޯ ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މި ޝޯ އޮންނާނެ ގަޑިތަކަކީ ހަވީރު 16:00 އިން 18:00 އަށް ރޭގަނޑު 20:00 އިން 00:00 އަށެވެ. މި ޝޯ ބަލަން ސްޓޭޑިއަމް އަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާ އަށް ޓިކެޓް ވިއްކަމުން އަންނައިރު މިހާރުން ފެށިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ބައިސްކޯފުން ހަމަޖައްސައިދީފައެވެ. ހަވީރުގެ ޝޯ އަށް ހިލޭ ވަދެވުނު ނަމަވެސް ރޭގަނޑު ޝޯއަށް ވަންނަންޖެހޭނީ ޓިކެޓް ގަނެގެންނެވެ.
އޮންލައިންކޮށް ޓިކެޓް މިހާރު ގަނެވޭނެއެވެ. މި ޝޯ ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލަށެވެ. ޔޮހާނީގެ އިތުރުން މިއުޒިކް ފެސްޓިވަލުގައި ރާއްޖޭގެ ގިނަ ފަންނާނުންގެ ހުށައެޅުންތައް ވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޑިޓިއުން ބޭންޑް، ސްކައި ރޮކް، އީކުއެޓިކް ވައިބް އަދި ފަސީ ލައިވް ހިމެނެއެވެ.
ޔޮހާނީ ރާއްޖެ އައިސް ޕާފޯމް ކުރާއިރު އޭނާ އަކީ "މަނިކޭ މަގޭ ހިތޭ" ލަވަ ކިޔައިގެން ދުނިޔޭގެ ސަމާލުކަން ހޯދި ތަރިއެކެވެ. އޭނާގެ އެ ލަވައިގެ ހިންދީ ރީމޭކެއް ބޮލީވުޑުން ހަދައި އެ ލަވަ ވަނީ ފިލްމު "ތެންކް ގޯޑް" ގައި އެކުލަވާލައިފައެވެ. އެ ލަވައިގެ ހިންދީ ވާޝަނުގައި ފެނިގެންދަނީ ސިދާތު މަލްހަތްރާ އާއި ނޯރާ ފަތެހީއެވެ.