ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

އެ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ ނިންމުން ބާތިލްކޮށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އޭރު 17 އަހަރުގެ ކުޑަކުއްޖާއަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށަހަޅާފައި ވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މި އަހަރު ތެރޭގައި ހުކުމް ކޮށްފައެވެ.