ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުން ޕީސީއާރު ޓެސްޓު ހެދުމުގެ ބަދަލުގައި، މިދިޔަ އަހަރު ހައްޖަށް ދިޔަ ހައްޖާޖީންގެ ޕީސީއާރު ޓެސްޓު މެޑިފްލެކްސުން ހަދާފައި ވަނީ އެ ތަނުން އެންމެ ހެޔޮ އަގެއް ހުށަހަޅާފައި އޮތުމުން ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ އިސްލާމިކް މިނިސްޓަރާ ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ދެ ސުވާލެއް ކުރައްވައިފައެވެ. އިބްރާހީމް ރަޝީދުގެ ފުރަތަމަ ސުވާލު ކުރެއްވީ ހައްޖާޖީންގެ ޕީސީއާރު ޓެސްޓު ހެދި ކްލިނިކާއި އަގުތަކާ ގުޅޭ ގޮތުންނެވެ. އޭނާ ދެވަނަ ސުވާލު ކުރެއްވީ ހައްޖާއި އުމްރާ ދަތުރުތަކާ ގުޅިގެން އެހީތެރިން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ތަޖުރިބާ ހުރި ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް ވަކި ބަޔަކަށް ފުރުސަތު ދީގެން ހައްޖަށް ގެންގޮސްފައިވޭތޯއެވެ.

ފުރަތަމަ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ދިޔަ ހައްޖާޖީންގެ ޕީސީއާރު ޓެސްޓު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ. އެ އިއުލާނާ ގުޅިގެން ޕީސީއާރުގެ ހިދުމަތްދޭ ފަރާތްތަކުުގެ ތެރެއިން އެންމެ ހެޔޮ އަގު ހުށަހެޅީ މެޑިފްލެކްސް އިން ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ހާމަކުރެއްވި އަދަދުތަކަށް ބަލާލާއިރު:

  • މެޑިފްލެކްސް: ބޮލަކަށް 200ރ ގެ ރޭޓުން
  • އައިޖީއެމްއެޗް: ބޮލަކަށް 700ރ ގެ ރޭޓުން

މެޑިފްލެކްސް އާއި އައިޖީއެމްއެޗްގެ އިތުރުން ޕީސީއާރު ޓެސްޓު ހަދައިދިނުމަށް ހައްޖު ކޯޕަރޭޝަނުން ފުލުހުންގެ ކިބައިން ވެސް އެދިފައިވެއެވެ. ނަމަވެސް، ފުލުހުންގެ އަތުގައި ޕީސީއާރު ހެދުމަށް ބޭނުންވާ ކެމިކަލް ނެތް ކަމަށް އެ މުއައްސަސާ އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެޗްޕީއޭ މެދުވެރިކޮށް އެ ކެމިކަލް ހޯދަން މަސައްކަތް ކުރެވުނު ނަމަވެސް، އެކަން ހަމަޖެހޭ ގޮތް ނުވުމުން ފުލުހުން މެދުވެރިކޮށް ޕީސީއާރު ޓެސްޓު ނުހެދުނު ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދުގެ ދެވަނަ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖު ދަތުރުގައި ބައިވެރިވާނެ އެހީތެރިން ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކުންފުނީގެ އެޗްއާރު ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިއުލާނު ކުރުމުން އިންޓަވިއު އަށް އައި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދި ފަރާތްތަކަށް ކަމަށެވެ.

އަދި އެހީތެރިންގެ ގޮތުގައި މިނިސްޓްރީގެ އެދުމުގެ މަތިން ބައިވެރިކޮށްފައި ވަނީ އެންމެ މުވައްޒަފެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.