އއ. އުކުޅަކަށް ދަތުރުކުރި ލޯންޒަކުން ގެއްލިގެން ހޯދަމުންދާ އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު ހޯދުމަށް 8573 މީޓަރުގެ ސަރަޙައްދެއް ޑައިވްކޮށް ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިންހާޖު ހޯދުމަށް އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށް 8573 މީޓަރުގެ ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފިއެވެ. ނަމަވެސް ފޮޓޯ އާންމެއް ނުކުރެއެވެ.

އެމްއެންޑީއެފުން ވަނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދިފައެވެ.

މިންހާޖު ހޯދުމަށް ފުލުހުންވެސް ބޮޑު ސަރަހައްދެއް ބަލާފައި ވާއިރު މިއަދު ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު ޑައިވް ކޮށްގެން ބެލުމަށް ވަނީ ހަމަޖެހިފައެވެ.