މިދިޔަ ސެޕްޓެމްބަރު މަހު ފެމިލީ ކޯޓުން 153 ކައިވެންޏެއް ކޮށްދީފައިވާއިރު ވަރީގެ 102 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 102 ވަރީގެ މައްސަލައެއް ހުށަހަޅާފައި ވާއިރު ވަރިވުމަށް 63 މައްސަލަ އަދި ވަރި ކުރުމަށް 24 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރި ސާބިތުކުރުމަށް 46 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވަރިއާމެދު ޝައްކުވެގެން އެއް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ވަރިކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 28 މައްސަލަ ނިމުނު އިރު 19 މައްސަލައެއް އަދި ނުނިމެއެވެ. ވަރިވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 69 މައްސަލަ ނިމުނުއިރު ކުރީ މަހުގެ ބާކީއާއެކު 29 މައްސަލަ އަދި ނުނިމެއެވެ.

ކުޑަކުދިންނާ ގުޅޭ 18 މައްސަލައެއް މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ހަޟާނަތުގެ 5 މައްސަލަ އާއި ކުއްޖާ އިހުތިޔާރުކުރާ ފާރަތެއް ކަނޑައެޅުމުގެ 2 މައްސަލައާއި ދަރިއަކުބަލައި ބޮޑުކުރުން އެހެން މީހަކާ ހަވާލުކުރުމުގެ އެއް މައްސަލައާއި ދަރިން ނުދެއްކުމުގެ 6 މައްސަލައިގެ އިތުރުން ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޯސްޓާކުރުމަށް ދެ މައްސަލަ އަދި ކުދިންގެ ހައްގުތައް ރައްކާތެރިކުރމުގެ އަމުރުގެ 3 މައްސަލަ ހިމެނެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު މިބާވަތުގެ 18 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ.