އއ. އުކުޅަކަށް ދަތުރުކުރި ލޯންޗަކުން ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ، މިންހާ، އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް އެމްއެންޑީއެފުން ވެސް ބަލައިފިއެވެ.

އެމްއެންޑީއެފް ބުނީ ޑޯނިއާ ފްލައިޓްގައި ވަނީ ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީ އާއި ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓާ ކުރާފްޓް "ހަކުރާ" އިން ވަނީ 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މީގެ އިތުރުން މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފިއެވެ.

އެމްއެންޑީއެފުން ވަނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދިފައެވެ.

މިންހާޖު ހޯދުމަށް ފުލުހުންވެސް ބޮޑު ސަރަހައްދެއް ބަލާފައި ވާއިރު މިއަދު ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު ޑައިވް ކޮށްގެން ބެލުމަށް ވަނީ ހަމަޖެހިފައެވެ.