"މެންޓަލް ހެލްތް" ނުވަތަ ނަފްސާނީ ބަލިތަކުގެ ވާހަކައިގެ އަޑު ކޮންމެ ތަނަކުން އިވުނު ކަމުގައި ވީނަމަވެސް އެ ދައްކަނީ ޑިޕްރެޝަންގެ ވާހަކަ އެކަނިކަން ގިނަ ބަޔަކަށް އޮންނަނީ ވިސްނިފައެވެ. އަދި ނަފްސާނީ ހަމައެކަނި ބައްޔަކީ އެއީ ކަމުގައިވެސް ގިނަ ބަޔަކަށް ވިސްނިފައި އޮތުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ދުނިޔޭގެ ފެންވަރުގައި 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް، މެންޓަލް ހެލްތް ޑޭ ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނައިރު އެންޒައިޓީގެ ވައްތަރެއް ކަމަށްވާ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ ނުވަތަ އޯސީޑީގެ ވާހަކައަކީ ކޮންމެހެން ވެސް ދައްކަންވެފައިވާ ވާހަކައެއްކަން ހަމަ ގައިމެވެ.
އޯސީޑީގައި އަމިއްލަ އިހުތިޔާރުން ބޭރުގައި ނަފްސަށް އުނދަގޫ ކުރުވާ ފިކުރުތަކެއް ކުރިމަތި ވާއިރު އޭގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ކުރިމަތި ކުރުވައެވެ. އަދި ހާސްކަން ކުޑަކުރުމަށާއި ނަފްސަށް އުނދަގޫ ކުރުވަނިވި ހިޔާލުތަކާއި ފިކުރުތައް ކުޑަ ކުރުވުމަށް ތަކުރާރުކޮށް ނަފްސު ޝާމިލު ކުރެވޭ ހަރަކާތްތަކެއް ވެސް އޯސީޑީގައި ހިމެނެއެވެ.
އޯސީޑީ ހުންނަ މީހެއްގެ ކިބައިން އާންމުކޮށް ފެންނާނެ އަލާމާތްތައް
- ތަނެއް ހަޑިވެދާނެ ކަމުގެ ބިރަށް އަބަދު ސާފުކޮށްކޮށް ހުރުން
- ޖަރާސީމަށް ހުށަހެޅިގެން ބައްޔެއް ޖެހިދާނެ ކަމަށް އާދަޔާ ހިލާފަށް ބިރުގަތުމާއެކު އެކަމަށް މާ ބޮޑު ސަމާލުކަމެއް ދިނުން
- އަނިޔާއެއް ވެދާނެތީ އަދި އެހެން މީހަކަށް ކަމެއް ވެދާނެތީ އެކަމާ ކަންބޮޑުވުން
- އެއްޗެހި ތަރުތީބުކުރުމަށް މާ ބޮޑަށް ސަމާލުކަން ދީ، އެކަމާ މެދު ފިކުރު ބޮޑުވުން
- އެސްފިޔަޖެހުމާއި ނޭވާލުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުން
- ތަޅުލެވިފައި ހުރިތޯ، އުނދުން ނިންވުނުތޯ ތަކުކާރުކޮށް ޔަގީން ކުރުން
- ހިނގާއިރު އަޅާ ފިޔަވަޅުތައް ގުނުމާއި ފާރުތަކުގައި ހުންނަ ގާ ގުނުން
- އާދަޔާ ހިލާފަށް ފަކުރު ގަތުން
- ބޭނުން ނުކުރާ އެއްވެސް އެއްޗެއްވެސް އެއްލާލަން ބޭނުންނުވެ، ހުރިހާ މުދަލެއް އެއްކުރުން
އޯސީޑީގެ ވޭން ތަހައްމަލު ކޮށްފައިވާ މީހަކު އޭނާގެ އޯސީޑީގެ އެ ވޭނީ ތަޖުރިބާ "ދަ ޕްރެސް" އާ ހިއްސާކުރަމުން ބުނީ އޭނާގެ ސްކޫލުގެ ދައުރު އެއްކޮން ކަހަލަ ގޮތަކަށް ދިޔައީ އޯސީޑީގެ ވޭނުގައި ކަމަށް ވީ ނަމަވެސް އޭރު އެވަނީ ކިހިނެއް ކަމެއް އޭނާއަށް އަދި އާއިލާއަށްވެސް ނޭނގޭ ކަމަށެވެ.
ކްލާސް ރޫމު ތެރޭގައި ހުންނަ "ފޯމިއުލާ" ތައް ނުކިޔާނަމަ "ކާފަރަކަށް" ވާނެއޭ ވިސްނެމުން ދާތީ އަމިއްލައަށް އިނދެ އެކަން ކުރާތީ އެކުގައި އުޅޭ ކުދިންނަށްވެސް ވީ ވަރަށް މަޖާ ކަމަކަށް ކަމަށާއި އެހެންނަމަވެސް އެކަންކަމަށް ބެލުމެއް ނެތި އެކަން ކުރީ ކާފަރަކަށް ވާން އެކަކުވެސް ބޭނުންނުވާނެތީ ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.
ތަކުރާރުކޮށް އެ ކުރާކަމެއް ކުރުމަކީ އޯސީޑީގެ އަލާމާތަކަށް ވާއިރު އޭނާ ބުނީ ނަމާދު ކުރުމާއި ވުޟޫކުރުމުގައި ވެސް ނުބައިކޮން ކުރެވެނީއޭ ހިތައް އަރާ، ވުޟޫ އާއި ނަމާދުވެސް އެތައް ފަހަރަކު ތަކުރާރުކޮށް ކުރަން ޖެހޭ ކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ނަމާދާމެދު ޝައްކު އުފެދޭތީ ކުށު ސަޖިދަ ޖަހަން ފެށުމުން އެހެން މީހުންގެ ފަރާތުން ފާޑުކިޔުން ތަކެއް އަމާޒުވި ކަމަށާއި އެހެން އެކަން ވަނީ ނަމާދު ކުރާއިރު ސަމާލުކަން ނުދޭތީ ކަމަށާއި ކަމަކަށް ކަމެއް ކުރަނީއޭ ކިޔާ އެއްޗެހި ކިޔާފައިވާ ކަމަށެވެ. ޤުރުއާން ކިޔެވުމުގައި އެފަދައިން ދިމާވާތީ އެއް އާޔަތެއް ކިޔާލަ ކިޔާލަ އިންނަން ޖެހޭ ފަހަރު މަދު ނުވާނެ ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ސާފުތާހިރުކަމަށް ފަރުވާތެރިކަން ބެހެއްޓުމާއެކު އާދަޔާ ހިލާފަށް ފަކުރު ގަތުމަކީ އޯސީޑީގެ ބަލިމީހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަމަކަށް ވާއިރު އެ މީހާ ބުނީ އޭނާގެ ބާލީހުގައި އެހެން މީހަކު ބޯ އަޅާލިޔަސް ރުޅިއައިސް އަމިއްލަ ނަފްސަށް އުނދަގޫތަކެއް ކުރުވާ ކަމަށެވެ. އަދި ގިނަ ބަޔަކާއެކުގައި ކާއިރުވެސް އެފަދަ އުނދަގޫތައް ކުރިމަތިވާ ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.
އެޅިގާ ޖަހާފައި ހުންނަ ތަންތަން ފެނި އެ ގާތަށް ތަރުތީބުން ގުނަން އެތައް ވަގުތެއް ހޭދަކުރެވިފައި ވާ ކަމަށާއި ނުބައިކޮން ގުނިގެންނޭ ހިތަށް އަރާ އެތައް ފަހަރަކު ތަކުރާރުކޮށް ގުނާ ކަމަށް އޭނާ ބުނެއެވެ. އަދި މަޖީދީމަގުން ސައިކަލުގައި ދާއިރު ފިހާރަތަކުގެ ނަން ބޯޑުތައް ނުކިޔިއްޖެ ނަމަ ވަރަށް އުނދަގޫތައް ކުރިމަތިވާ ކަމަށާއި އެކަން ނުކޮށްފިނަމަ ކާފަރަކަށް ވާނެއޭ ހިތާ ގެޔަށް ގޮސް މުސްލިމަކަށް ވުމަށްޓަކައި ހިނައިގަންނަ ކަމަށްވެސް ބުނެއެވެ.
ސާފުތާހިރުކަމަށް ދޭ އަހަންމިއްޔަތު ކަމާއެކު އަތްދޮވެ، ދޮވެ ފާރުވާ މީހުންވެސް މަދެއް ނޫނެވެ. އޯސީޑީ ހުންނަ ބައެއް މީހުން ސައިބޯންޏެއް ހުސްވަންދެން ކޮންމެ ދުވަހަކު ފެންވަރާ އިރު އަނެއްބައި މީހުންނަކީ އެވަރުންވެސް ސާފުތާހިރު ނުވެވޭ ކަމަށް ވިސްނާ މީހުންނެވެ. އޯސީޑީ ތަހަންމަލު ކުރި މި މީހާ ބުނި ގޮތުގައި އޭނާ އަތް ހުދުވަން ދެން ދޮންނަ ކަމަށާއި އެއަށް ފަހު އިސްކުރާއި ފާހަނާ ދޮރުގެ ތަޅާއި މުށިތައްވެސް ތަކުރާރުކޮށް އެތައް ފަހަރަކު ދޮންނަ ކަމަށެވެ.
އެކަންކަމުން އަރައިގަތުމަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މާހިރެއްގެ ލަފައާއެކު ކުރިއަށް ދިޔަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
އޯސީޑީ އަލާމާތްތައް ފެންނަ ނަމަ ހަދާނީ ކިހިނެއް
އޯސީޑީ ހުންނަ މީހުންނަކީ ވަރަށް ފުރިހަމައަށް އަދި އެހާމެ ތަރުތީބުކޮށް މަސައްކަތް ކުރަން ބޭނުންވާ ބަޔަކަށް ވާއިރު ސްކޫލުގެ މާހައުލާއި އޮފީސްތަކުގައި އަސްލު ވާގޮތް ދެނެނުގަނެވި މައްސަލަތައް ދިމާވާ ހިސާބަށް ބައެއް ފަހަރުދެއެވެ.
އޯސީޑީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މާހިރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ. އެހެންނަމަވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުން ރާއްޖޭގައި ބޮޑު އުދަނގުލަކަށް ވެފައި ވާއިރު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ ވެއިޓްލިސްޓްގައި މިހާރުވެސް 565 މީހަކު އެބަ ތިއްބެވެ.
މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު އެކަމާ ބެހޭ ބިލު ފުރަތަމަ ޑްރާފްޓްކޮށް މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެލީއްސުރެ އެ ބިލުގެ މަސައްކަތް މަޖިލީހުގައި އެއްވެސް ވަރަކަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އަދި އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް ގެންދިއުމަށް ފަހު ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް އެ ބިލު ފުރިހަމަ ކުރުމަށް ފަހު މަޖިލީހަށް އަލުން ހުށަހަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ.
އޯސީޑީއާ ގުޅޭ ގޮތުން "ދަ ޕްރެސް" އާ ވާހަކަދެއްކި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މާހިރަކު ބުނީ ކޮވިޑަށް ފަހު އޯސީޑީގެ ކޭސްތައް ގިނަ ކަމަށް ފާހަގަކުރެވޭ ކަމަށާއި ކޮވިޑްގެ ތެރޭގައި ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އޯސީޑީއަށް ހުށަހެޅިފައިވާކަން ދެނެގަންނަން ފަސޭހަވެފައިވާ ކަމަށެވެ. އަދި ކޮވިޑަކީ ޖަރާސީމެއްގެ ސަބަބުން ފެތުރުނު ބަލިމަޑުކަމަކަށް ވާއިރު އެ ކަމަކީ އޯސީޑީ ހުންނަ މީހުންނަށް އިތުރަށް ދިމާވި ތަކުލީފެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އޯސީޑީއަކީ ރަނގަޅު ފަރުވާ ލިބިއްޖެނަމަ އެއްކޮން ރަނގަޅުވާ ބައްޔަކަށް ވާއިރު އޯސީޑީއަށް ކުއްޖާ ހުށަހެޅޭ ބައެއް ސަބަބުތަކުގެ ތެރޭގައި ވަރަށް ފުރިހަމައަށް ހުރިހާ ކަމެއް، ކުއްޖާ ލައްވާ ކުރުވަން އުޅުމާއި ބުލީކުރުމުގެ ސަބަބުން އެ ކުއްޖާގެ ނުބައި ކަންކަން މުޅިންވެސް ފާހަގަ ކުރުން ހިމެނެއެވެ.
އޯސީޑީ އާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ނަފްސާނީ އެހީތެރިކަން ހޯދަމުން ދިޔަ ކަމުގައި ވީ ނަމަވެސް އާއިލާއާ ރައްޓެހިންގެ ފަރާތުން އެ ފަރާތަކަށް ހިތްވަރާއި އުންމީދުގެ ބަސްތައް ލިބޭ ކަމުގައި ވަނީނަމަ އެކަމުން އަރައިގަންނަން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ކޮން އޯސީޑީއެއް؟ ތިޔައީ ޝައްކުބަލި.