އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކޮށް 3 މަހުގެ ގޭ ބަންދެއް އިއްވާފައިވާ ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބަދުއްސައްތާރުގެ އަދަބު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައި ވަނީ އެ ކުށަށް އޭނާ އިއުތިރާފްވެފައި ވަނިކޮށެވެ.

އެ ހުކުމްގެ އަދަބުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ.

ނާޒިމް ކުށަށް އިއުތިރާފް ވުމަށް ފަހު މާފަށްއެދި ބަޔާނެއް ނެރުނެވެ.

އަލަމްގިރިގެ މައްޗަށް ފުރަތަމަ އިއްވި ދައުވާތަކަށް 7 މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެއަށްފަހު އޭނާގެ މައްޗަށް އުފުލި 40 ދައުވާއިން ވަނީ އިތުރު 3 އަހަހރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަލަމްގީރް ވެސް ވަނީ އެ ހުރިހާ ދައުވާތަކަށް އިއުތިރާފްވެ، މާފަށް އެދިފަ އެވެ. އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ.

މީގެ ކުރިން ދައުލަތުން ވަނީ ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފުކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށާއި ދައުލަތުން އެދުނީ އޭނާ އަށް ހަތް މަހުގެ ހުކުމެއް އިއްވުމަށްކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.